ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރާ ފަސެންޖަރުން ލަސްކުރުމެއް ނެތި ވީހާވެސް އަވަކަށް ޗެކިންގ ކަންތައް ނިންމާލުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލް އިން މިގޮތަށް އެދިފައި ވަނީ، އާއްމުކޮށް ޗުއްޓީ ދުވަސްވަރަކީ އެ އެއާޕޯޓްގައިވެސް ބާރުބޮޑު ދުވަސްވަރަކަށްވާތީ އާއި، އަދި ބައެއް ފަސެންޖަރުން ފަހު ވަގުތު ޗެކިންގވުމަށް އަންނާތީ ބައެއް ފްލައިޓްތައް ފުރުން ލަސްވެދާނެކަމަށް ބަލައެވެ.

އެ ކުންފުނިން އޮފިޝަލަކު ވިދާޅުވީ، ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުންވެސް ދަތުރު ކުރާ ފަސެންޖަރުން ފްލައިޓްތަކަށް ޗެކިންގވާއިރު ވީހާވެސް އަވަސްކޮށްދިނުމަށް އެދިފައެވެ.

އަދި މިގޮތަށް ކަންތައް ކުރަނީ ޗެކިންގ ބަންދުކުރަން ކައިރިވެފައިވަނިކޮށް ގިނަ ބަޔަކު ޗެކިންގ ވާން އެއްފަހަރާ އައިސް ކިއުގައި ޖެހުމުން ފްލައިޓްތައް ޑިލޭވެދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަލް ފްލައިޓްތަކުން އާއްމުކޮށް ފަސެންޖަރުންނަށް އަންގާފައި އޮންނަނީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންގވުމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުން ފަސެންޖަރުންނަށް އަންގާފައި އޮންނަނީ ފްލައިޓް ފުރުމުގެ ދެ ގަޑިއިރު ކުރިން ޗެކިންގވުމަށެވެ.

މި ދުވަސްވަރަކީ ޗުއްޓީއަށް ވަރަށް ގިނަ ފަރާތްތަކުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންވެ ގިނަ ފްލައިޓްތައް މިހާރު ދަތުރުކުރަނީ ޖާގަ ފުލްކޮށެވެ.