ކަނޑޫދޫއޭ ބުނުމުން އެންމެ ފުރަތަމަ ވެސް ދުލުކުރިއަށް އަންނާނީ އެރަށު ކުޅި މިރުހުގެ ނަމެވެ. ބޭރު ކަރަކަރައިގެ މިރުހުގެ ވާދަވެރިކަން ދިވެހި މާރުކޭޓުގައި މަތިވި ނަމަވެސް ދިވެހިންގެ ގިނަ ބައެއްގެ ހިތްތައް ކުޅިކުރަމުންދަނީ އަދިވެސް އެ މިރުހެވެ. އެއާއެކު ގެއަށް ވައްދަން އެ ނޫން މިރުހެއް ކަމަކުވެސް ނުދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކަނޑޫދޫ މިރުހުގެ ކުޅިކަން ގަދަވެފައި ރަހަވެސް މީރު ވުމުންނެވެ. ރަހައިގެ ގޮތުން މި މިރުހާ ވާދަކުރެވޭނެ ދެވަނަ މިރުހެއް އަދި ވެސް ބާޒާރުގައި ނެތް ކަމަށް ދަނޑުވެރިން ވެސް އެއްބަސްވެއެވެ.

ކޮންމެ ދުވަހަކުހެން ކަނޑޫދޫން މިރުސް ބޭރުކުރާއިރު، އާންމުކޮށް އެރަށުގެ މިރުސް ލިބެން ހުންނަނީ މާލޭގެ ލޯކަލް މާރުކޭޓުތަކުގައެވެ. ކަންމަތީ ފިހާރަތަކާއި ބޮޑެތި ފިހާރަތަކުގައި އެ މިރުސް ލިބެން ހުންނަނީ މަދު ފަހަރެއްގައެވެ. އެހެން ނޫނީ ފިހާރަތަކުގައި ވިއްކަން ހުންނަ ކޮންމެ މިރުހެއް ވެސް ވަނީ ކަނޑޫދޫ މިރުހަށެވެ. މިހެންވުމުން ކަނޑޫދޫގެ އަސްލު ކުޅި މިރުސް ބޭނުންވެއްޖެނަމަ ދާން މިޖެހެނީ ހަމަ މާރުކޭޓަށެވެ.

ނަމަވެސް އެކަން ބަދަލުވާން ކައިރިވެއްޖެއެވެ. ރަށު ދަނޑުވެރިން އަތުން ގަނެ، ހާއްސަ ޕެކިންއެއްގައި ބަންދުކޮށް އެރަށުގެ މިރުސް, މަތީ ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ފިހާރަތަކުގައި ވިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކަނޑުދޫ މިރުސް

"ކަނޑޫދޫ މިރުސް ޕްރިމިއަމް" ގެ ނަމުގައި މާލެ އާއި އަތޮޅުތެރޭގެ ބޮޑެތި ފިހާރަތަކުން އެ މިރުސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދަނީ ކަނޑޫދޫގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "މައި އޮފީސް ބޯއި" އިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ރިޔާޒް ވިދާޅުވި ގޮތުގައި، ކަނޑޫދޫ މިރުހަކީ ރާއްޖެއަށް މަޝްހޫރު މިރުހަކަށްވި ނަމަވެސް ރަށަށް ހާއްސަ ޕްރޮޑަކްޓެއް ގޮތުގައި އެ ޕްރޮޑަކްޓު މާކެޓަށް ނެރެވިފައި ނެތްކަމަށެވެ.

ކަނޑޫދޫ މިރުސް ދަނޑެއް

އާންމުކޮށް މާރުކޭޓްތަކުން ކަނޑޫދޫ މިރުސް ލިބެން ހުރިނަމަވެސް، "ކަނޑޫދޫ މިރުސް ޕްރިމިއަމް"ގެ ބޭނުމަކީ، ފިހާރަތަކުން ވެސް ކަނޑޫދޫ މިރުސް އެނގެން ހުންނާނެ ގޮތެއް ހަދައި، މަތީ ފަންތީގެ މީހުންނަށް ހާއްސަކޮށް މިރުސް ފަދަ އެއްޗެހި ވިއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރުހުގެ ވެސް ހުންނާނެތާ ތަންކޮޅެއް ރަނގަޅު، ރީތިކޮށް ހުންނަ މިރުސް. މަތީފަންތީގެ ނުވަތަ މެދުފަންތީގެ މީހުންނަށް ހާއްސަކޮށް، އެކަހަލަ މިރުސް ރަނގަޅު ޕެކިންގއެއްގައި ތަންކޮޅެއް ސާފުތާހިރު ގޮތަކަށް، ހަދާފައި ހުންނަ ތަނެއް ނުހުރޭ. އެހެންވެ މިބުނާ ކެޓަގަރީގެ މީހުންނަށް ހާއްސަކޮށްގެން އަސްލު ޕްރޮޑަކްޓެއް މިހެދީ،" ޕްރޮޑަކްޓް އުފެއްދުމުގެ ހިޔާލު އައި ގޮތް ރިޔާޒް ވިދާޅުވިއެވެ.

ކަނޑޫދޫ މިރުސް ޕެކް ކޮށްފައިވާ ފޮއްޓެއް ދައްކާލަނީ

ކަނޑޫދޫގައި ދިރިއުޅޭ އާބާދީގެ 80 އިންސައްތަ އާއިލާތައް މިރުސް ހައްދައިގެން ނަފާ ހޯދާއިރު ރިޔާޒު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ބާޒާރަށް ނެރޭ ޕްރޮޑަކްޓުގެ ސަބަބުން ދަނޑުވެރިންނަށް ވެސް މިހާރަށްވުރެ ރަނގަޅު އަގެއްގައި މިރުސް ވިއްކުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިންނަށް ހައްދާ މިރުހަށް ހަމަ އަގު ލިބި، މިރުސް ވިއްކޭނެ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑޫދޫގެ ނަން އިތުރަށް މަގުބޫލު ކުރުމުގެ ވެސް ބޭނުމުގައި "މައި އޮފީސް ބޯއި" އިން ކުރާ އެ މަސައްކަތުގެ ދަށުން ފުރަތަމަ ބާޒާރަށް ނެރެން ނިންމާފައިވަނީ 150 ގުރާމްގެ މިރުސް ހާއްސަ ޕެކިންއެއްގައި ބަންދުކޮށްގެންނެވެ. އެ މަސައްކަތް ފަށައިގަތުމުގެ ގޮތުން އަދި މިރުސް ޕެކް ކުރަމުންދަނީ ރާއްޖޭން ބޭރުން ޕެކިން ފޮށިތައް ރަށަށް ގެނެސްގެންނެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި، އެ ޕްރޮޑަކްޓް ބާޒާރަށް ނެރުމަށް އެ ރަށު ކައުންސިލުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާއިރު، ރަށު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދަމުންދާ ކަމަށެވެ. އަދި ޕްރޮޑަކްޓް ވިއްކުމަށް މިހާރުވެސް ބައެއް ފިހާރަތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ފިހާރަތަކަށް ފޮނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކޮޅުން ފިހާރަތަކަށް ފޮނުވާނީ ހުސްނުވާ ވަރަށް. އެކަމަކު ހަލާކުކޮށްލާފައި އެއްލާލާ ވަރަށް ނޫން. އެހެންވީމަ އެމީހުންގެ ރިކުއާމެންޓަށް ބޭނުންވާވަރަށް ފޮނުވާނީ،" ރިޔާޒް ވިދާޅުވިއެވެ.

ކަނޑޫދޫ މިރުސް ދަނޑެއް

ކަނޑޫދޫގައި މިހާރުވެސް 5000 އަކަ ފޫޓާއި 10،000 އަކަފޫޓުގެ 150 މިރުސް ދަނޑު އޮންނައިރު، ހަފްތާއަކު އެރަށުން ދެ ޓަނުގެ މިރުސް އެރަށުން ބޭރު ކުރެއެވެ. އެގޮތުން ވިއްކާ މިރުހުން ހަފްތާއަކު 20،000 އާއި 30،000 ރުފިޔާގެ އާމްދަނީއެއް ދަނޑުވެރިންނަށް ލިބޭއިރު، ދަނޑު ހެއްދުމުގައި ގިނައިން އުޅެނީ ވެސް ޒުވާނުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

ނަމަވެސް ބާޒާރަށް ނެރޭ މިރުސްކޮޅަށް އެކަށީގެންވާ އަގު ނުލިބޭ ކަމަށް އެރަށުގެ ދަނޑުވެރިން ފާހަގަކުރެއެވެ. އެގޮތުން ބާޒާރުން އެކަށީގެންވާ ޖާގަ ނުލިބި، މާލެއަށް ގެންނަ މިރުސްކޮޅު ގޮޅިތަކުގައި ތިބޭ މީހުންނަށް ބައެއް ފަހަރު ގަނޑުކޮށް ދޫކޮށްލަން ވެސް ޖެހޭ ކަމަށް ދަނޑުވެރިން ފާހަގަކުރެއެވެ.

ނަމަވެސް އެ މިރުސް ހާއްސަ ޕެކިންއެއްގައި ކަންކަންމަތީ ފިހާރަތަކާއި ބޮޑެތި ޝޮޕިން ސެންޓަރުތަކުގެ ހަރުގަނޑުތަކަށް ދިއުމުން ދަނޑުވެރިން އެމީހުން އުފައްދާ އުފެއްދުންތައް ވިއްކުމަށް މިހާރަށްވުރެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހި، އެކަމުން ދަނޑުވެރިންނަށް މަންފާއެއް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ަޕައި

    މާކުޅި އަދި މާއަގު ބޮޑު

  2. ހުދުހުދު

    އަޅުގަނޑު ވަރަށް މަސައްކަތްކުރަން މިރުސް ހެއްދޭތޯ!! އެކަމަކު އަދި ކާމިޔާބުވާގޮތެއްނުވޭ!!! ކަނޑޫދޫ ކުއްޖަކު އަޅެ ކިޔައިދީބަލަ މިރުސް ހައްދާގޮތް.. ނޫނީ ބޭނުންކުރާ ކާނާއެއް.. ވަރަށް ބޭނުން މިރުސް ހައްދަން...

  3. ހެޔޮދުއާ

    އަލްހަމްދުުލިލާހި ރާއްޖެއިންް ބޭރައްވެސް ފޮނުވޭތޯ ބަލާ
    ވިޔަފާރީ ގައި ކުރިއެރުން ލައްވާށި
    އާމީން

  4. މަތީފަންތި

    ހާދަ ރޭސިސްޓް ޕްރޮޑަކްޓް އެކޭ ދޯ ތީ. މަތީފަންތި މައި ފުޓް

    • އަޅެ

      ކަލެޔައް އެނގޭތަ ރޭސިސްޓު ވުމަކީ ކޮބައިކަން؟ އިނގެރޭސި ބަހެއް އޮތިއްޔާ ކިޔާތި ތަނެއް ދޮރެއް ނޭނގުނަސް.

  5. އަބްދުއްލާ

    މިކަހަލަ މީރު މިރުސް މެލޭސިޔާ އިން ބޭނުންވާނެ .މި ބަންދުކުރި ޕަކެޓް ތައް މެލޭއަށް ސާމްޕަލް ފޮނުވައިގެން މާޓް ވިޔަފާރި ކުރާފަރާތެއް މެދުވެރިކޮށް އިސްތިހާރެއްގެ ގޮތުގާ މާޓުން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ހިލޭ މިރުހެއް މަސްދުވަސް ވަންދެން ފޯރު ކޮށްދެވިއްޖެ ނަމަ މެލޭގަ މިމީރު މިރުސް ހިގާނެކަން ވަރަށް ބޮޑަށް ޔަގީންވޭ.

  6. ބަކަރި

    ސިންގަލް ޔޫސް ޕްލާސްޓިކް! ޔަކް! ކަޑަ ދޯ. ތިހެން ޕެކް ކުރުމަކީ ރާއްޖެއަށް ބޮޑު ގެއްލުމެއް.