އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ "ޗޮކްލެޓް ފެސްޓް" މިއަދު ފަށައިފިއެވެ.

މީގެ 12 އަހަރު ކުރިން ފަށައިގެން އެސްޓީއޯއިން ކުރިއަށްގެންދާ ޗޮކްލެޓް ފެސްޓް ހަފްތާއެއްގެ މުއްދަތަައް ކުރިއަށްދާނެއެވެ. މިއަދު އެސްޓީއޯ ސުޕާމާޓްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގެ ތެރެއިން މި ފެސްޓް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ ބައެއް އިސްވެރިންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިމާދު ވިދާޅުވީ، އެސްޓީއޯ އިން ކުރިއަށްގެންދާ މި ފެސްޓްގެ ތެރެއިން ޗޮކްލެޓްތައް ރަހަ ބަލާލުމުގެ ފުރުސަތުތަކުގެ އިތުރުން، ޑިސްކައުންޓް ލިބުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯ ޗޮކްލެޓް ފެސްޓް ގައި ހުރި ބައެއް ޗޮކްލެޓް – ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ޗޮކްލެޓް ފެސްޓް ގައި ހުރި ބައެއް ޗޮކްލެޓް – ފޮޓޯ: އެސްޓީއޯ

ރާއްޖެއަށް ޗޮކްލެޓް އެތެރެކޮށް މާކެޓްކުރާ ތިން ކުންފުންޏަކާއި ގުޅިގެން މި ފެސްޓް ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ޔޫރޯ، ވީބީ، ސިންކޯ، ހިމެނެއެވެ.

ނިމާދު ވިދާޅުވީ، މިއަދު ފެށި ޗޮކްލެޓް ފެސްޓްގެ ދަށުން ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާއިރު، އެ ޕްރޮމޯޝަންގެ ތެރެއިން 250 ރުފިޔާއަށް ވުރެ މަތީގެ ޗޮކްލެޓް ވިޔަފާރި ކޮށްގެން ގިނަ ވައްތަރުގެ ޗޮކްލެޓް އެކުލެވޭ ގިފްޓް ހެމްޕާއެއް ލިބުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

އަދި މީސް މީޑީޔާގައި ކުރިއަށްގެންދާ ލައިކް އެންޑް ޝެއާރ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށްވެސް ގިނަ ވައްތަރުގެ ޗޮކްލެޓް އެކުލެވޭ ގިފްޓް ހެމްޕާއެއް ލިބިގެންދާނެއެވެ.

ބޮޑެތި ޑިސްކައުންޓުތަކާއެކު ކުރިއަށް ގެންދާ މި ޗޮކްލެޓް ފެސްޓްގައި އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ޗޮކްލެޓްތައް އަދި ފެސްޓަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އާ ބްރޭންޑްތަކުގެ ޗޮކްލެޓްތައް ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.