މިފަހަރުގެ 'ކްރިސްމަސް' އާއި އާ އަހަރާ ދިމާކޮށް އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކުރަން އެ އެއާލައިނުން ނިންމައިފިއެވެ.

އޮސްޓްރިއާގެ ރަސްމީ އެއާލައިނުން އެކަމާ ގުޅޭގޮތުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އެ އެއާލައިނުގެ ފަރާތުން ދަތުރުތައް އިތުރުކުރަން ހަމަޖެހިފައިވާ ދެޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖޭގެ އިތުރުން ދަތުރުތައް ގިނަ ކުރަން އެ އެއާލައިނުގެ ފަރާތުން ނިންމާފައިވަނީ އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ، މޮރީޝަސް އަށެވެ.

ރާއްޖެ އަށް އަހަރު ނިމުމުގެ ގޮތުން އަންނަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑު އޮސްޓްރިއާގައި މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ. އެނގިފައިވާ ގޮތުން، އޮސްޓްރިއަން އެއާލައިނުން ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް، ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އޮސްޓްރިއަން އެއާލައިނުން ރާއްޖެ އަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ.

އޮސްޓްރިއަން އެއާލައިނަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިންވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލު، އަދި އެހާމެ ޙިދުމަތުގެ ފެންވަރު ރަނގަޅު ޖައްވީ ދަތުރުތައް ކޮށްދޭ އެއާލައިނެކެވެ. ރާއްޖޭގެ މާކެޓު އެ ސަރަޙައްދުތަކުގައި އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.