އިހުސާން ފިހާރަތަކުން އޯޑަރުތައް ކުރިއަށް އޮތް ތަނުގައި ބަލައިގަންނާނީ އޮންލައިންކޮށް، ވެބްސައިޓް މެދުވެރިކޮށް ކަމަށް އެ ފިހާރައިން ބުނެފިއެވެ.

އިހުސާން ފިހާރައިގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، އެ ފިހާރައިގެ އައުޓްލެޓްތަކުން އޯޑަރު ފަށާފައިވާ ކަމަށާއި އޯޑަރު ނެގުން ބަންދު ކުރާކަން އިހުސާން ފިހާރައިގެ ވެބްސައިޓާއި، ވައިބަ ކޮމިއުނިޓީ މެދުވެރިކޮށް އެނގޭނެ ކަމަށެވެ. އަދި އެ ފިހާރައިން ލިބޭ ތަކެތީގެ ތަފްސީލް ވެސް އެ ވެބްސައިޓް މެދުވެރިކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އިހުސާން ފިހާރައަކީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ.

މި ދުވަސް ވަރަކީ ސާފުތާހިރުކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ދުވަސްކޮޅަކަށް ވާއިރު އިހުސާން ފިހާރައިން ގޭތެރެއާއި ގޭތެރޭގައި ގެންގުޅޭ ސާމާނުތަކާއި، ބަދިގެ ސާފުކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ފިހާރައިން ލިބޭނެއެވެ. އަދި އަންނައުނު، ދޮންނަން ބޭނުން ކުރާ ސައި ބޯންޏާއި، އަންނައުނުގައި މީރު ވަސް ދުއްވަން ބޭނުން ކުރާނެ ސޮފްޓްނާ ފަދަ ތަކެތި ވެސް ލިބެން ހުންނާނެއެވެ.

އެގޮތަށް ލިބެން ހުންނަ ތަކެތީގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަން އިހުސާން ފިހާރައިން ފާހަގަކުރެއެވެ.

އިހުސާން ފިހާރައިގެ އޮފިޝަލް ވަނީ އެ ފިހާރައިގެ ވައިބަރ ގްރޫޕް މެދުވެރިކޮށް، ޑެލިވަރީ އާއި ގުޅުން ހުރި މައުލޫމާތާއި، ލިބެން ހުރި ތަކެތީގެ މައުލޫމާތު އަދާހަމަ (އަޕްޑޭޓް) ކުރަމުންދާނެކަން ފާހަގަ ކުރައްވައިފައެވެ.

އެހެންކަމުން މާދަމާއިން ފެށިގެން އެ ފިހާރައިގެ ޑެލިވަރީގެ ޚިދުމަތަށް އެދުން އިތުރަށް ފަސޭހަވެގެންދާނެކަން އެ ފިހާރައިން ފާހަގަކުރެއެވެ. އަދި ފޯނުކޮށްގެން އޯޑަ ކުރަން ޖެހުމުން ހޭދަވާ ވަގުތު ކުޑަވެ، މުއާމަލާތު ކުރުމުގައި ދިމާވަ ދަތިތައް ކުޑަވުމުގެ އިތުރުން ފޯނު ނުނެގުމުން އޯޑަރު ނުދެވުމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އިހުސާން ފިހާރައިގެ ވައިބަރ ކޮމިއުނިޓީ ގްރޫޕްގެ އިންވިޓޭޝަންގެ ސްކްރީންޝޮޓެއް: ފޮޓޯ އިންޓަރނެޓް

ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އިހުސާން ފިހާރައިން އަނެއްކާވެސް ޚިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

އޭޕްރީލް 18 އިން ފެށިގެން އިހުސާން ފިހާރައިގެ އައުޓްލެޓްތަކުގެ ޚިދުމަތް މެދުކެނޑުމަށްފަހު އެ ޚިދުމަތްތައް އަލުން ފެށުމާއި އެކު މާފަންނު، ހެންވެރު އަދި ގަލޮޅުގައި ހުންނަ އިހުސާން ފިހާރައަށް ގޮސް ތަކެތި ގަތުމުގެ ފުރުސަތު އާއްމުންނަށް ވަނީ ލިބިފައެވެ.