ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.

ށ. މާއުނގޫދޫ އަދި ކޮމަންޑޫގައި ގާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް މިދަނީ ދެމުންނެވެ.

މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ހިދުމަތް މިދަނީ ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިންގ ހިދުމަތް ފުޅާކުރެވޭކަމީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށާއި 70 އަށް ވުރެ ގިނަ އޭޓީއެމް ސެންޓަރުތަކާއި އެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ އެބޭފުޅުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.