ބޭންކް އޮފް މޯލްޑިވްސްގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި މިއަދު ހުޅުވި ޕާކަށް ދީފައިވާ ނަމަކީ "ދިގެމައްކޮޑަ" ކަމަށެވެ.

އެ ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިން ކަމަށާއި މިއީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލާ ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އެސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެސަރަހައްދުގައި މަސްކެނޑުމަށް ހާއްސަ ތަނަކާއި ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައިވެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުވަނީ އިތުރަށް ފެހި ވެސް ކޮށްފައެވެ.

ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވިދާޅުވީ، އެ ޕްރޮޖެކްޓް ހިންގުމުގައި އެބޭފުޅުން އެންމެ އިސްކަމެއް ދިނީ އެސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި ހަމައެހެންމެ އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އެސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭނެހެން ތަރައްގީ ކޮށްފައިވާ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން." އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.