ދިރާގުން މި އަހަރުގެ ފިޠުރު ޢީދުގައި ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ގްރޭޓަރ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރު ވެސް ފިޠުރު ޢީދު ފާހަގަކުރަން ޖެހިފައި ވަނީ ގޭގައި ތިބެގެން ކަމުން މިދަނޑިވަޅުގައި އެކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ޢީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ.

އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލްކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ ޢީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައިއެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ޢީދު 20ޖީބީގ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ޢީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ޢީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ އަދި އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ މޭ މަސް ނިމެންދެން ބޭނުން ކުރެއްވޭނެއެވެ.

ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ދެމެދު، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުންނާއި ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފަރ އެކޭ އެއްފަދައިން ޢީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ހަރަދުގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ވެސް ނިންމާފައިވާ ކަމަށް ދިރާގުން ބުންނެވެ.

ކިޔުންތެރިންގެ ހިޔާލު