މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފު ކޮށްފިއެވެ.

ދިރާގުން ބުނީ، މި ކޮންޓެސްގައި ބައިވެރިވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓަރގައި EidMomentsMv# މި ހޭޝްޓެގް ބޭނުން ކޮށްގެން ޢީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއަރ ކޮށްލެވޭނެ ކަމަށެވެ.

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެތެރެއިން 5 ނަސީބުވެރި ފަރާތެއް ހޮވަން ނިންމާފައިވާއިރު، އޭގެތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލައެއް ދެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށެވެ.

މިއަހަރުގެ ޢީދު ވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، ޢީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިން ވެސް ޝާމިލު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ދިރާގުން ބުންޏެވެ.