އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހެމުންދާ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭގެ ވިޔަފާރި ކުރަމުން އަންނަ ލެ ޕާފިއުމް އިން ނިންމައިފިއެވެ.

ލެ ޕާފިއުމް އިން ބުނީ، ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އެ ފިހާރައިން ކޮންމެ ދުވަހެއްގެ ސޭލްސްއިން ވަކި ޕަސެންޓެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ވަނީ ޣައްޒާއަށް އެހީވުމުގެ ގޮތުން ކުރިއަށް އޮތް ހަތް ދުވަހުން، ކޮންމެ ދުވަހެއްގެ ސޭލްގެ ފަސް% ހަދިޔާ ކުރުމަށް ނިންމާފައި".

ފަލަސްތީންގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ދިވެހިން މި ވަނީ ކުރިއަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ގައުމުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައިވާއިރު، ވިޔަފާރިތަކުންވެސް މިހާރު ދަނީ އެފަދަ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ.

އަދި މީގެ އިތުރުން ދިވެހިން މިހާރުވެސް ގެންދަނީ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.