ފާއިތުވެދިޔަ 2020 ވަނަ އަހަރު ދިރާގަަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

ދިރާގަށް މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި ލިބުނީ 732 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، 22.2%ގެ ދަށްވުމެކެވެ.

ދިރާގުން ބުނީ، ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު އެ ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީ 13.1% ދަށް ވެފައިވާ ކަމަށް ދައްކަ އެވެ.

އަދި ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މިއަދު ވަނީ އެކުންފުނީގެ އަހަރީއާއްމު ޖަލްސާ ބާއްވާފައެެވެ.

އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި ކުންފުނީގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ނިންމާފައި ވެއެވެ.

އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. މިދިޔަ އަހަރުގެ ޑިވިޑެންޓްއަކީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ (39.8%) މަދު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ......

    ﷲ އަށް ހަމްދު ހުއްޓެވެ.