ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް (ކަސްޓަމަރ ސަރވިސް ސެންޓަރ ހިމެނޭހެން) މި މުއްދަތުގައި ބަންދު ވާނެ ކަމަށެވެ. އެހެން ނަމަވެސް، ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެއިތުރުން އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސް ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ވަނީ މި ހާލަތުގައި ހުރިހާ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު