އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ބީއެމްއެލް އިން ނިންފައިއެވެ.

ބީއެމްއެލް އިން ބުނީ، އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް އެސެންޓަރ ހުޅުވާނެ ކަމަށެވެ.

ކޮވިޑް-19ގެ މިހާލަތުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.

އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބީއެމްއެލުން ބުނީ، ކާޑު ނެގުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނައިރު، މާސްކު އަޅައި، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާއި އެއްގޮތަށް ގައިދުރުކަން ބެހައްޓައި، އެސެންޓަރަށް އަންނައިރު، އެ މީހެއްގެ އަމިއްލަ ގަލަން ގެނައުން މުހިންމު ކަމަށެވެ.

މީގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވެސް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ބީއެމްއެލުން ބުނީ، ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް އަންނަން ނުޖެހޭނެ ކަމަށާއި އެގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުލުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު