ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 60 ރުފިޔާ ބަހަން މިއަދު ފާސްކޮށްފިއެވެ.

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައި ވަނީ މިއަދު މެންދުރު ފަހު އޮންލައިން ކޮށެވެ.

އެސްޓީއޯއިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 941،842 ހިއްސާ ތަމްސީލް ކުރާ 682 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ އިތުރުވުމުން އެސްޓީއޯއިން ހިއްސާއަކަށް 60ރ. ބަހަން ނިންމިއިރު، މިއީ 2019 ވަނަ އަހަރަށް ބަލާއިރު، ދެ ރުފިޔާގެ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރު އެކުންފުނިން ހިއްސާ އަކަށް ބަހާފައިވަނީ 58 ރުފިއާއެވެ. އަދި 2018 ވަނަ އަހަރު ވެސް އެ ކުންފުނިން ހިއްސާ އަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުރުވެފައިވަނީ ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑު ބައެއް އެ ކުންފުނި މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާތީކަން ފާހަގަ ކޮށްލެވެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު 248 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2019 ވަނަ އަހަރު މި އަދަދު ހުރީ 303 މިލިއަން ރުފިޔާގައެވެ. އަދި 2018 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 341 މިލިއަން ރުފިޔާއެވެ.

މިއަދު ޖަލްސާގައި އެ ކުންފުނި އޮޑިޓް ކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރަން ވަނީ ނިންމާފައެވެ. މިއީ އެ ކުންފުނި އޮޑިޓް ކުރަން އެ ފާމް ހަމަޖެއްސި ދެވަނަ ފަހަރެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލް ކުރަން، ހ. މޮސްކޯގެ، އައިމިނަތު ރުޝްމާ އައްޔަން ކުރަން ފާސްކޮށްފައި ވެއެވެ. މިއީ ރުޝްމާ އައްޔަން ކުރަން ފާސްކުރި ތިން ވަނަ ފަަހަރެވެ.

ކިޔުންތެރިންގެ ހިޔާލު