ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް "ފުޑް ސެކިއުރިޓީ" ގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަން ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ގޮދަން ފުށް ތައްޔާރު ކުރާ ފެކްޓަރީއެއް ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެކަމުގައި އެސްޓީއޯގެ ވިސްނުން ހުރީ، ގޮވާން އެތެރެކޮށް، އެ ޕްރޮސެސްކޮށްގެން ގޮދަން ފުށް ތައްޔާރުކޮށް ބަންދު ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން މިހާރަށް ވުރެ ގިނަ ދުވަހު ގުދަން ކޮށްފައި ބެހެއްޓޭނެކަމަށް އަމްރު ވިދާޅުވިއެވެ.

"މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ފާހަގަކުރަން،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކުގެ ތެރެއިން ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް އެގްރިސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު