ހުޅުމާލެއަކީ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވަ އަވަށަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހެދުމަށް ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމާޢުއަށް ފައިދާ ހުރި ފަންނީދާއިރާތަކުން މީހުން ބިނާކޮށް މި ފަރާތްތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހެދުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުޞަތުތައް އިތުރުކޮށްދީ މި ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރި ކުރުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މި މަސައްކަތަކީ މި ކޯޕަރޭޝަންގެ ޙިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ގޯ ބިޔޯންޑްހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ލިބިގެންދާނެއެވެ. އަދި މިފަދަ ފަރާތްތަކަށް ޕޫލް އެކުލަވާލުމުގައި ޙާއްސަ އަހައްމިއްޔަތު ކަމެއް ދެވިގެން ދާނެ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ވެސް ޓީ.އޯ.އާރ އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމުގައާއި މިކަން ކަނޑައެޅިފައިވަނީ ދާއިރާގައި މަސައްކަތް ކުރުމުން އަންނަ ގިނަ ދިވެހިންނަށް ފުރުޞަތުތައް އިތުރު ކުރުމަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޓީ.އޯ.އާރް އާއި އެއްގޮތަށް މިމަހުގެ 14 ވަނަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މި ޕޫލާއި ބެހޭ އިތުރު މަޢޫލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު