ދިރާގުން މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ވަރޗުއަލް ހަފުލާއެއް ބާއްވާ، ޒޫނާ ނަސީމް ބްރޭންޑް އެމްބެސެޑަރ އެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، ޒޫނާ ނުވަތަ އާންމު ނަމުން ނަމަ ޒޫންޓި އަކީ މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކޮށްދެއްވާ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރ ކަމަށެވެ.

ޒޫނާ އަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތްކުރަށްވަމުންދާ ޚިދުމަތްތެރިއެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ކެއަރ ފޯ ދި އޯޝަންސް އަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށާއި މި ޚާއްސަ ދުވަހު އެބޭފުޅުންގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޒޫނާ ނަސީމް ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރ އެއް ގުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.

"އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިހައްވުރެ ބާރަށް ކުރިއަށް ގެންދާނަން" އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

ބައްދަލުވުމުގައި ޒޫނާ ނަސީމް ވިދާޅުވީ، ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަކަށް ވުމަކީ ލިބިގެންދާ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި މިއަދު ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ އޭގެ ނުހަނު ނޭދެވޭ އަސަރު ކުރަމުން ކަމަށެވެ.

"ދިރާގު ބްރޭންޑް އެމްބެސެޑަރ ގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރާނަން" ޒޫނާ ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ. މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ.

އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީ ވެސް ދިރާގެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރު ރައްކާތެރިގޮތުގައި ޕީ.ޕ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ވަނީ ހޭލުންތެރިކަން ފޯރުކޮށްދީފައިއެވެ.

ދިރާގުން ބުނީ، އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނައްތާލުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅާއި ގުޅިގެން ނުހަނު އުފާ ކުރާ ކަމަށާއި ޒޫނާއަކީ ރާއްޖޭގެ ކަނޑުތައް ހިމާޔާތް ކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ އެމްބެސެޑަރެއް ކަމުން އެފަދަ މަސައްކަތުގައި އަމަލީގޮތުން ދިރާގުން ބައިވެރިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު