ނިމިގެން ދިޔަ މޭއި މަހު މީރާއިން 783.83 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 283.6 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އެމަހު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މި މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ މޭއި މަހު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު، މިއަހަރުގެ މޭއި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މޭއި މަހު މާލެ ފުރަބަންދުކޮށް، އެއަރޕޯޓް ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން އެމަހުގެ އާމްދަނީ ދަށްވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން، މިދިޔަ މޭއި މަހުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ މޭއި މަހުގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، މޭ މަހުގެ ތެރޭގައި އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވެވިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން ބުނީ މިއަހަރުގެ މޭއި މަހުގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އަށް ކަމަށެވެ. އެއީ 63.3 އިންސައްތަ ނުވަތަ 496.19 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ 6.7 އިންސައްތަ ނުވަތަ 52.68 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ (4.3 އިންސައްތަ)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ (4.2 އިންސައްތަ)، ވަރކް ޕަރމިޓް ފީގެ ގޮތުގައި 29.32 މިލިއަން ރުފިޔާ (3.7 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ (17.8 އިންސައްތަ) ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.