ދިރާގާއި ސަމްސަންގް ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށާއި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް 60 ގެލެކްސީ ޓެބް ހެލްތް މިނިސްޓްރީ އަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަވާލު ކުރުމަށް މިއަދު އޮންލައިންކޮށް ރަސްމިއްޔާތެއް ބާއްވާފައި ވެެއެވެ. އެ ރަސްމިއްޔާތުގައު ހެލްތް މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އާއި ލަންކާ ސެމްސަންގެ އެމްޑީ ކެޗިން ސުންސޫ ޔޫ ބައިވެރިވެޑައިގެންނެވިއެވެ.

ދިރާގުން ބުނީ، މިތަކެތި ހަވާލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސިއްހީ ނިޒާމު ކުރިއަރުވުމަށާއި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގުން މިފަދަ ބޮޑު އެހީތެރިކަމަށް ވުމާއި ގުޅިގެން މިނިސްޓަރު ނަސީމް ވަނީ ސަރުކާރުގެ ފަރާތުން ދިރާގަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އިސްމާއިލް ރަޝީދު ވަނީ ކޮވިޑްގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.