ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި އަދި 27 ޖުލައި ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބެންކުން ބުނީ މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަަމށެވެ.

އެގޮތުން، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތްތަކަށް ހެނދުނު 11.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ލޯކަލް ބޭންކް ޓްރާންސްފަރ ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ޚިދުމަތަށް މެންދުރު 12.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.

އަދި މީގެ އިތުރުން އެކައުންޓް އޯޕަނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ އެވެ.

ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައިވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކުރެވިފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ލިބިގެންދާނެއެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު