މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 63.04 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކުރި އެކުންފުނީގެ މާލީ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓާގައި 63.04 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 423.32 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެންނެވެ.

މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ 1.36 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކުންފުނިން 248 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ލިބުނީ، 18 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަގައި ލިބުނީ 83.08 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 423.1 މިލިއަން ރުފިޔާއެވެ. އަދި އެމުއްދަތުގައި ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީން މިހާރުވެސް 86 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްގެންދާއިރު، ދެ ޕްރޮޖެކްޓެއް ވަނީ ނިމިފައެވެ. އަދި އިތުރު 10 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާއިރު، އެ ކުންފުންޏަށް އިތުރު ނުވަ ޕްރޮޖެކްޓެއް އެވޯޑް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު