ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެ އިން މަސައްކަތް ކުރަމުން އަންނަނީ ހީނަރުވެފައިވާ އިގްތިސާދު ހަމައަކަށް އެޅުވުމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން، އަނެއް ދުވަހަށް އިތުރު ކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ.

ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު، ފަތުރުވެރިންނަށް ޖުލައި 15 ދުވަހު ރާއްޖެ ހުޅުވާލީ ކޮވިޑުން ދިފާއުވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކުގައެވެ. އެއާ އެކު، ފެނުނީ ތަފާތު މަންޒަރެކެވެ. ރަޝިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އާދަޔާ ހިލާފަށް ގިނަވިއެވެ. މިއަދާ ހަމައަށް އައިއިރު ވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ.

މި އަހަރު ދެބައިވެގެން ދިޔައިރު ރާއްޖެއަށް ރަޝިއާގެ 124,651 ފަތުރުވެރިން ޒިޔާރާތްކޮށް، އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ރާއްޖެއިން ފާހަގަކޮށްލެވޭ އަގުބޮޑެތި ރިސޯޓުތަކުގެ ތެރެއިން ސޮނެވާއަށް ވަނީ ރަޝިއާ ފަތުރުވެރިންގެ ފަރާތުން ބޮޑު ފައިދާއެއް ވެފައެވެ. މި އަހަރު ދެބައިވެގެން ދިޔައިރު، އެ ރިސޯޓުގެ 30 އިންސައްތަ ބުކިންގްސް އަކީ ރަޝިއާ ފަތުރުވެރިންނެއެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު ދެގުނަ އަދަދެކެވެ.

ސޮނެވާގެ ޗީފް ކޮމާޝިއަލް އޮފިސަރ ކަރީސާ ނިމާހް ވިދާޅުވީ އާންމު ގޮތެއްގައި ރަޝިއާގެ ފަތުރުވެރިން ރިސޯޓުގައި މަޑުކުރަނީ 12 ދުވަހަށް ކަމަށެވެ. ނަމަވެސް، ކޮވިޑާއި ގުޅިގެން ބައެއް ފަތުރުވެރިން ތިން މަސް ދުވަހަށް ވެސް ރިސޯޓުގައި މަޑުކުރަމުން އަންނަކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ މާކެޓްގެ %23.5 ހިއްސާ ކުރަނީ ރަޝިއާއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް އައިއިރު، ރާއްޖެ އަށް ހަ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.