އެމެރިކާގެ 'ސިޓީގްރޫޕް' ބޭންކުން އެ ބޭންކުގެ ކަސްޓަމަރުންގެ އަތުން އިންޓްރެސްޓުގެ ގޮތުގައި އިތުރަށް ފައިސާ ނަގާފައިވާތީ ބަދަލެއްގެ ގޮތުން 335 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާގެ މާލީ އިދާރާތަކުގެ ކަންތައްތައް މޮނީޓާ ކުރާ އެޤައުމުގެ 'ކޮންޒިއުމާ ފިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ' ގެ ފަރާތުން ވަނީ ސިޓީ ބޭންކުން އެ ބޭންކުގެ ބައެއް ކަސްޓަމަރުންގެ އަތުން އަހަރީ ގޮތުން ނަގާ އިންޓްރެސްޓުގެ ގޮތުގައި އިތުރަށް ފައިސާ ނަގާކަން ފާހަގަކޮށްފައެވެ. އެއާ އެކު، ސިޓީބޭންކުން ވަނީ ހުކުރު ދުވަހު އެ ބިއުރޯއާއެކު ވަކިން އެއްބަސްވުމަކަށް ގޮސް، އިންޓްރެސްޓުގެ ގޮތުގައި އިތުރަށް ފައިސާ ނެގުނު ކަސްޓަމަރުންނަށް ބަދަލުދޭން ނިންމާފައެވެ.

އެމެރިކާގެ ޤާނޫނު ބުނާގޮތުން އިންޓްރެސްޓު ރޭޓު ކަނޑައެޅުމުގައި ބޭންކުތަކުން ގަވާއިދުން ކަސްޓަމަރުންގެ މަޢުލޫމާތު ބަލަހައްޓަން ޖެހެއެވެ. އެމެރިކާގައި އިންޓްރެސްޓު ރޭޓުގެ ޤާނޫނު އޮންނަ ގޮތުން އިގްތިސާދަށް އަންނަ ބަދަލުތަކަށާއި، ކްރެޑިޓް ރިސްކަށް ބަލާފައި، އިންޓްރެސްޓު ރޭޓު މަތިކޮށްފައި ތިބި ކަސްޓަމަރުންގެ މަޢުލޫމާތު، ރޭޓު މަތިކުރިތާ 6 މަސްދުވަހުގެ ތެރޭގައި އަލުން ރިވިއު ކުރަން ޖެހެއެވެ.

ސިޓީބޭންކުން އިތުރަށް އިންޓްރެސްޓުގެ ގޮތުގައި ފައިސާ ނަގާފައިވަނީ މިގޮތަށް ކަސްޓަމަރުންގެ މަޢުލޫމާތު އަލުން މުރާޖަޢާ ކޮށްފައި ނުވާ މީހުންގެ އަތުންނެވެ. ސިޓީ ބޭންކުން މިހާރު ވަނީ އެ ބޭންކުގެ 10 އިންސައްތަ ކަސްޓަމަރުންގެ މަޢުލޫމާތު މުރާޖަޢާ ނުކުރެވޭ ކަމަށް އެއްބަސްވެފައެވެ. އެއީ ގާތްގަނޑަކަށް 1.75 މިލިއަން ކަސްޓަމަރުންނެވެ. އެމީހުންނަށް ބަދަލްދޭން މިހާރު ނިންމާފައިވާއިރު، އެވްރެޖު ގޮތެއްގައި ކޮންމެ ކަސްޓަމަރަކަށް 190 ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެވިފައި ވެއެވެ.

"ސިޓީ އަށް އުފަލެއް ލިބިއްޖެ ބިއުރޯއާއެކު މި މައްސަލައަށް ހައްލެއް ގެނެވުނީމަ. އަހަރެމެން ބޭނުންވޭ މަޢާފަށް އެދެން ކަސްޓަމަރުންގެ ކިބައިން މިއަށްވުރެ އަވަހަށް އެކަން ހައްލު ނުކުރެވި ދިޔާމަ." ސިޓީބޭންކުގެ ބަޔާނެއްގައި ބުނެފައިވެއެވެ. ބިއުރޯއާ ގުޅިގެން ސިޓީބޭންކުން އެ މައްސަލައަށް އެއްބަސްވެފައިވާތީ އެ ބޭންކަށް އިތުރު އެއްވެސް ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެއެވެ.