ޕާކިސްތާންގެ ސުޕްރީމް ކޯޓުގެ އަމުރަކަށް ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކްލްސޫމް އަވަހާރަވެއްޖެއެވެ.

ކުލްސޫމް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ފަރުވާ ދެމުން ގެންދަވަނިކޮށެވެ. ކުލްސޫމް އަވަހާރަވި އިރު ފިރިކަލުން ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ތިއްބެވީ ޕާކިސްތާންގައި ހައްޔަރު ކޮށްފައެވެ.

ކުލްސޫމް ކެންސަރަށް ފަރުވާ ހޯއްދަވަން ފެއްޓެވީ 2017 ވަނަ އަހަރު އެވެ. އުމުރުފުޅުން 68 އަހަރުގައި އޭނާ އަވަހާރަވީ އަންގާރަ ދުވަހު ހެނދުނު ހާލުކޮޅު އިތުރަށް ގޯސްވުމުން ލައިފް ސަޕޯޓްގައި ފަރުވާ ދެމުން ދަނިކޮށް އަންގާރަ ދުވަހު ހަވީރު އެވެ.

ނަވާޒް ޝަރީފްގެ ކޮއްކޮ އަދި މިހާރު ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ރައީސް ޝުއައިބު ޝަރީފް ވަނީ އޭނާގެ ފަހަރި ކުލްސޫމް އަވަހާރަވިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަލުގައި ތިއްބެވި ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު އަށް ވަނީ ކުލްސޫމް އަވަހާރަވި ޚަބަރު މިހާރު ދެއްވާފައެވެ.

ނަވާޒް ޝަރީފްގެ އާއިލާ އިން ވަނީ ކުލްސޫމްގެ ހަށިކޮޅު ޕާކިސްތާނަށް ގެންދަން ނިންމާފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ކުލްސޫމް އަވަހާރަ ވުމުން ހިތާމަފާޅުކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. އަދި ލަންޑަންގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން ކުލްސޫމްގެ ހަށިކޮޅު ޕާކިސްތާނަށް ގެނައުމުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށިނުމަށް އިމްރާން ވަނީ އަންގަވާފައެވެ.

ނަވާޒް ޝަރީފް 1990 ވަނަ އަހަރުން 1993 ވަނަ އަހަރަށް، 1997 ވަނަ އަހަރުން 1999 ވަނަ އަހަރަށް އަދި 2013 ވަނަ އަހަރުން 2017 ވަނަ އަހަރަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި އިރު ފަސްޓް ލޭޑީގެ ޒިންމާތައް ކުލްސޫމް ވަނީ ވަރަށް ފުރިހަމަ އަށް އަދާކުރައްވާފައެވެ.

އޭނާ ވަނީ ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ރައީސް ކަން 1999 ވަނަ އަހަރުން 2002 ވަނަ އަހަރާއި ހަމައަށް ކުރައްވާފައެވެ. 1999 ވަނަ އަހަރު ޕަރުވޭޒް މުޝައްރަފް ގެނައި ބަޣާވާތައް ފަހު ކުލްސޫމް 1999 ވަނަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ވެސް ބަންދު ކުރެއްވެވިއެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމުން ޤާނޫނު ހަދާ މަޖިލީހުން ހުސްވި ގޮނޑިއަށް ކުލްސޫމް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. ނަމަވެސް އާލާސްކަންފުޅު ބޮޑުވުމުން ހުވާ ކުރައްވަން އޭނާ ޕާކިސްތާނަށް ވަޑައެއް ނުގަންނަވައެވެ.

ކަޝްމީރުގެ އާއިލާ އަކަށް އުފަންވެ ވަޑައިގެންނެވި ކުލްސޫމް ވަނީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ނަވާޒް ޝަރީފް އާއި ކައިވެނި ބައްލަވައިގެންނެވީ 1971 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެކައިވެންޏަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.