ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފުގެ އަނބިކަނބަލުން، ބޭގަމް ކުލްސޫމް ނަވާޒު އަވަހަރާވުމާ ގުޅިގެން މުޅި ޕާކިސްތާނުގައި ދަނީ ހިތާމަކުރަމުންނެވެ. ކުލްސޫމުގެ ވަކިވެދިޔުމާ ގުޅިގެން، ޕާކިސްތާނުގައި ހިތްދަތިކަން ވެރިކުރުވާފައިވާއިރު، އެންމެ ބޮޑު ހިތާމައެއް ކުރަމުންދަނީ ނަވާޒާއި ކުލްސޫމުގެ ދޮށީ ދަރިކަނބަލުން، މަރިޔަމް ނަވާޒެވެ.

ޖަލު ޙުކުމެއް ފުރިހަމަކުރައްވަމުންދާ މަރިޔަމް އަށް، ޕެރޯލްގެ ދަށުންވަނީ މަންމަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު ދީފައެވެ. އެފުރުޞަތުގެ ދަށުން އޭނާވަނީ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަށްވެސް ގެންގޮސްފައެވެ. ވައިގެ މަގުން އެތަނަށް ދިއުމުގެ ކުރިން، މަރިޔަމްވަނީ "ޖިއޯ ޓީވީ" އާ ވާހަކަ ދައްކާފައެވެ. ދެއްކި ވާހަކައިން، މަރިޔަމް އަށް ކޮށްފައިވާ އަސަރު ހާމަވެެގެން ގޮސްފައިވެއެވެ. އަދި އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލާފައިވެއެވެ.

ޓީވީ އަށް އިންޓަވިއު ދެމުން މަރިޔަމް ބުނެފައިވަނީ މަންމަ އަވަހާރަވިވާހަކަން އެނގުމުން އެތައް އުނދަގޫތަކެއް ކުރިމަތިވިކަމުގައެވެ. އަދި، މަންމަގެ ފަހު ނޭވޭ ދޫކޮށްލި ވަގުތު އެތަނުގައި ނެތުމުން، އިތުރަށް ހިތާމަކުރާކަމަށް ބުނެފައިވެއެވެ.

"އަހަރެން ވަރަށް ހިތްދަތިވޭ މަންމަ ފަހު ނޭވޭ ލީއިރު ކައިރީގައި ނުހުރެވުމުން." މަރިޔަމް ބުންޏެވެ.

އޭނާވަނީ މަންމައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި، ދުޢާކޮށްދެއްވުމަށް ޕާކިސްތާނުގެ ހުރިހާ ރައްޔިތުންގެ ކިބައިން، ނިހާޔަތާއެކު އެދިފައެވެ.

ކުލްސޫމް އަވަހާރަވެފައިވަނީ، އިއްޔެގެ ހަވީރުކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އޭނާ ކެންސަރަށް ފަރުވާ ހޯދަމުން ދިޔައިރު، އިއްޔެގެ ހެނދުނުގެ ވަގުތުގައި އޭނާގެ ޞިއްޙީ ޙާލަތު ދަށްވެ، ވެންޓިލޭޓަރުގައިވެސް ފަރުވާ ދޭން ޖެހުނެވެ. އަވަހާރަވިއިރު، އޭނާގެ އުމުރުފުޅަކީ 68 އަހަރެވެ.

އޭނާގެ ފިރިކަލުން، ނަވާޒްވެސް ގެންދަވަނީ ޖަލު ހުކުމެއް ފުރިހަމަކުރައްވަމުންނެވެ. ކުލްސޫމަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައިވެސް މުޙިއްމު ދައުރުތަކެއް، ސިއްރާއި ފާޅުގައި އަދާކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން، އެޤައުމުގެ މަޖިލީހުގައި، ނަވާޒް ޝަރީފް ފުރުައްވަމުން ގެންދެވި ގޮނޑި ގެއްލުމުން، އެމަޤާމަށްވެސް އިންތިޚާބުވެފައިވެއެވެ. އެހެންނަމަވެސް، ޞިއްޙީ ޙާލުކޮޅުގެ ސަބަބުން މަޤާމުގެ ހުވާ ކުރައްވާފައި ނުވެއެވެ.

ކުލްސޫމުގެ ހަށިކޮޅު، ޕާކިސްތާނަށް ގެނައުމަށްވަނީ ނިންމާފައެވެ. އަދި އެކަމުގައި އެޤައުމުގެ ސަރުކާރުން އެހީވާނެކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ސަރުކާރުގެ އެހީ ބަލައިނުގަންނަން، އާއިލާއިންވަނީ ނިންމަވާފައެވެ. އެގޮތުން، ލަންޑަނުގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގެ އެއްވެސް އެހީތެރިކަމެއް ބޭނުންނުވާކަމަށް ހާމަކުރައްވާފައިވެއެވެ.