ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒްއަށް 12 ގަޑިއިރުގެ ޕޭރޯލްއެއް ދިނުމަށް ޕާކިސްތާނުގެ ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން މި ނިންމުން ނިންމީ ކޮރަޕްޝަންގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ކެންސަރުގެ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ފަރުވާ ދެމުން ގެންދަވަނިކޮށް އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ "ރޮއިޓާސް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕެރޯލް އަށް އެދި ނަވާޒް ޝަރީފްގެ އާއިލާއިން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި އެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ޕެރޯލްގެ ދަށުން ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ޖަލުން ނެރޭނީ 12 ގަޑިއިރަށް ކަމަށްވެސް ޗައުދަރީ ވިދާޅުވިއެވެ.

ކުލްސޫމްގެ ޖަނާޒާ އަށް ނަވާޒް ޝަރީފާއި ދަރިކަނބަލުން ޖަލުން ނެރެފައިވާއިރު، ނަވާޒް ޝަރީފްގެ އާއިލާއިން އެދިފައިވަނީ ޖަނާޒާގެ ކަންތައްތަކަށް އެ ދެ ބޭފުޅުން ފަސް ދުވަހުގެ މުއްދަތަށް ދޫކޮށްލުމަށެވެ. 12 ގަޑިއިރުގެ މުއްދަތު ހަމަވުމުން އެ މުއްދަތު ސަރުކާރުން އިތުރުކޮށްދޭނެ ކަމަށް ބެލެވެއެވެ. ކުލްސޫމްގެ ޖަނާޒާ އޮންނާނީ ހުކުރު ދުވަހުއެވެ،

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ކުލްސޫމް އަވަހާރަ ވުމުން ހިތާމަފާޅުކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. އަދި ލަންޑަންގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން ކުލްސޫމްގެ ހަށިކޮޅު ޕާކިސްތާނަށް ގެނައުމުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށިނުމަށް އިމްރާން ވަނީ އަންގަވާފައެވެ.

ނަވާޒް ޝަރީފް 1990 ވަނަ އަހަރުން 1993 ވަނަ އަހަރަށް، 1997 ވަނަ އަހަރުން 1999 ވަނަ އަހަރަށް އަދި 2013 ވަނަ އަހަރުން 2017 ވަނަ އަހަރަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި އިރު ފަސްޓް ލޭޑީގެ ޒިންމާތައް ކުލްސޫމް ވަނީ ވަރަށް ފުރިހަމަ އަށް އަދާކުރައްވާފައެވެ.

އޭނާ ވަނީ ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ރައީސް ކަން 1999 ވަނަ އަހަރުން 2002 ވަނަ އަހަރާއި ހަމައަށް ކުރައްވާފައެވެ. އަދި 1999 ވަނަ އަހަރު ޕަރުވޭޒް މުޝައްރަފް ގެނައި ބަޣާވާތައް ފަހު ކުލްސޫމް 1999 ވަނަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ވެސް ބަންދު ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުރުމި

    ކޮބާ އެމްޑީޕީ ބައިގަނޑު މިގައުމު އެކަނި ކުރާކަމެއް ނުން އިނދިކޮޅު ލީޑަރު ޖަލައްލުން އެއީ ވަރައް އާދައިގެ ކަމެއް ދުނިޔޭގެ ގައުތަކުގާ.

  2. Anonymous

    ﷲގެ ރަޙުމަތްފުޅުން މަރުޙޫމާ ކުލްސޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން