ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ފުލުހުންނާ ކުރިމަތިލާ އިތުރު ހަމަނުޖެހުން ހިންގައިފަ އެވެ.

ހަަމަނުޖެހުން ހިނގަން މެދުވެރިވީ މުސްލިމެއްގެ ފިހާރަ އަކާއި މިސްކިތަކަށް ހަރުކަށި ބުޑިސްޓުން ގެއްލުން ދިނުމުންނެވެ.

ކެންޑީގެ ހާލަތު ބޮޑަށް ގޯސްވީ މިސްކިތަށާއި ފިހާރައަށް ގެއްލުން ދިނުމުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލަން ބުޑިސްޓު ހާމުދުރުން ނިކުމެ ޕޮލިސް ސްޓޭޝަން ކައިރީގައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ގިނަ އަދަދެއްގެ ހާމުދުރުން ވަނީ ކެންޑީގެ ތެލަދެނިޔާ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެންޑީގައި ހަމަނުޖެހުންތައް ހިންގަމުން ގެންދަނީ ހަރުކަށި ބުޑިސްޓުންގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ކަމަށްވާ "ބޮޑު ބަލާ ސެނާ" (ބީބީއެސް) އިންނެވެ. މިއީ މީގެ ކުރިން ވެސް ލަންކާގެ މުސްލިމުންނާއި ދެކޮޅަށް ތަފާތު ހަމަލާތައް ދިން ޖަމާޢަތެކެވެ.

ބުޑިސްޓު ހާމުދުރުން ވަނީ މަގުތަކަށް ނިކުމެ ވެހިކަލްތަކުގެ ޓައިރުތަކުގައި އަލިފާން ރޯކޮށްފައެވެ. ކެންޑީގައި ފުލުހުންނާ ކުރިމަތިލީ ބުޑިސްޓުން ހުއްޓުވަން ރޭ ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި ތިން ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ޑުނަސޭކަރަ ވިދާޅުވީ ކާފިއުއާ ޚިލާފުވި ހަތް މީހަކު ކެންޑީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކެންޑީގެ ސްކޫލްތައް މިއަދު ވެސް ވަނީ ބަންދުކޮށްފަ އެވެ. ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ކެންޑީ އަށް ފޮނުވަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ލަންކާގެ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 150 އަށް ވުރެ ގެއާއި ފިހާރަ އަދި ވެހިކަލްތަކަށް ގެއްލުން ދީފަ އެވެ. ދެ މީހުން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔު5

    ލަންކާ އަކީ އަހަރެމެން ދިވެހިން ވ. ލޯބިވާ އަދި ވ. އިހުތިރާމްކުރާ ގައުމެއް! ހަރުކަށި މީހުން ހިންގާ އަނިޔާވެރި އަމަލުތަކާމެދު ވ. ކަންބޮޑުވެ ދެރަވޭ.

  2. ޖަމީލު

    ތިކަމުގެ ފަހަތުގަހުރީ އައްނި