ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓްއެއް އިނގިރޭސިވިލާތުގައި ދިރިއުޅެނިކޮށް މަރާލަން މަސައްކަތް ކޮށްފިއެވެ. އޭނާ މަރާލަން މަސައްކަތް ކުރީ ނާރވް އެޖެންޓެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެއެވެ.

ސާރގެއި ސްކްރައިޕޮވް ނަމަކަށްކިޔާ ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓް ފެނިފައި ވަނީ އިނގިރޭސިވިލާތުގެ ސެލިސްބަރީގައި ޕާކެއް ތެރޭގައި ހޭނެތިފައި އޮއްވައެވެ. ސްކްރައިޕޮވް އާއިއެކު އޭނާގެ އަންހެން ދަރިފުޅުވެސް ހޭނެތިފައި އޮއްވާ ފެނުނުއިރު އެ ދެ މީހުންގެ ހާލަތު އަދިވެސް ސީރިއަސްކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

އެ ދެ މީހުން ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވި އެންމެ ފުރަތަމަ ފުލުސް އޮފިސަރަށް ވެސް ހަމަލާދޭން ބޭނުންކުރެވުނު ނާރވް އެޖެންޓްގެ އަސަރުކުރުމުގެ ސަބަބުން އޮތީ ސީރިއަސް ހާލަތެއްގައެވެ. ނާރވް އެޖެންޓަކީ ހަށިގަނޑުގެ ނާރވަސް ސިސްޓަމަށް އަސަރުކުރުވާ ނުރައްކާތެރި ކެމިކަލްތަކުން ފުރިފައިވާ އެއްޗެކެވެ. އެފަދަ ކެމިކަލްތައް އިންސާނުންގެ ހަށިގަނޑަށް އެތެރެވަނީ އިންސާނުންގެ އަނގައާއި ނޭފަތުންނެވެ. އަދި ބައެއް ހާލަތްތަކުގައި އިންސާނުންގެ ހަމާއި ލޮލަށްވެސް އަސަރުކުރެއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އެ ހަމަލާގައި ބޭނުންކުރެވުނު ނާރވް އެޖެންޓް ހޯދިފައިވާކަމަށް ހާމަކޮށްފައެވެ. އެހެންނަމަވެސް އަދި އެ މައުލޫމާތު އާންމުކުރުމަށް ނުވިސްނާކަމަށް ވަނީ މައުލޫމާތު ދީފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ބޭނުންކުރެވުނު ނާރވް އެޖެންޓްގެ ސަބަބުން އާންމުންގެ ސިއްހަތަށް އެއްވެސް ކަހަލަ ގެއްލުމެއް ނެތްކަމަށް ވަނީ ހާމަކޮށްފައެވެ. އެ ހަމަލާ އަމާޒުކުރެވުނު އެޖެންޓް ސާރގެއި ސްކްރައިޕޮވް އަކީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމުގެ ކުށުގައި ތުހުމަތުކުރެވި މައްސަލަ ސާބިތުވި ފަރާތެކެވެ. އެ ހަމަލާދިން ސަރަހައްދަށް ތަހުގީގުކުރުމަށް ދިޔަ އެހެން ދެ ފުލުސް އޮފިސަރަކަށްވެސް އެ ނާރވް އެޖެންޓްގެ ސަބަބުން އަސަރުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.