އެމެރިކާއަށް މިހާރު އަރަމުންދާ ބާރުގަދަ ތޫފާން، އެޤައުމަށް އެރުމުގެ ކުރީން، ޢާންމުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް އެދި އޮފިޝަލުން ދިޔައީ ތޫފާނުގެ ނުރައްކަލުގެ އިންޒާރުތައް ދެމުންނެވެ. ނަމަވެސް އެކަމަށް ބައެއް ފަރާތްތަކުން ދިނީ ބީރު ކަންފަތެކެވެ. އެފަރާތްތަކަށް ތޫފާނުގެ ނުރައްކާ ހަމަލޮލުން ފެންނާން ފެށިއިރު، އޮތީ ސަލާމަތް ނުވެވޭ ހިސާބަށް ނުރައްކާ ބޮޑުވެފައެވެ.

"ފްލޮރެންސް"ގެ ނަމުން ނަންދީފައިވާ، އާދަޔާއި ޚިލާފަށް މި ބާރުގަދަ ތޫފާން އެމެރިކާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް އަރަން ފެށީ ރޭގެ ވަގުތެއްގައެވެ. އެއާއި އެކު އެ ސަރަޙައްދު ސުންނާފަތިކޮށް ގެތައް ބިމާއި ހަމަކޮށްލާހައި ބާރުމިނުގައި ވައިގަދަވެ، އާދަޔާއި ޚިލާފަށް ބޯކޮށް ދަނީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ބޭރުގެ މިހާރު މީޑިއާތަކުގައި ދައުރު ކުރަމުންދާއިރު، މިހާތަނަށް ތޫފާނުގެ ސަބަބުން އެމެރިކާއިން ފަސް މީހަކު މަރުވެފައި ވެއެވެ. އޭގެތެރޭގައި އުމުރުން އަށް މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މަންމަ ހިމެނެއެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ހާލުގައި ޖެހި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާލިބިގެން ދަނީ ފަރުވާދެމުންނެވެ.

ބާރުގަދަ ފްލޮރެންސްގެ އަސަރު ކުރަމުންދާ ސަރަޙައްދުތަކަށް ގަޑިއަކު 145 ކިލޯމީޓަރަށް ދަނީ ވައިޖެހެމުންނެވެ. މީގެ އިތުރުން އައްސޭރީގެ ބައެއް ސަރަޙައްދުތަކަށް ދިހަ ފޫޓަށްވުރެ އުސް ރާޅު އަރަމުންދާއިރު، އެ ސަރަޙައްދުތަކުގައި ދަތުރުފަތުރުކޮށް ދިރިނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ބައެއް ސަރަޙައްދުތަކުގައި ދިހަ ފޫޓަށް ވަނީ ފެންބޮޑުވެފައެވެ.

ތޫފާން ފްލޮރެންސް އެރުމާއި ގުޅިގެން އުތުރާއި ދެކުނު ކެރޮލީނާއިން އެކަނިވެސް 1.7 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. މިއީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވުނު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ. އެހެން ނަމަވެސް އޭގެތެރެއިން އެ އެންގުމަށް ޢަމަލުކޮށްފައި ވަނީ މަދު ބައެއްކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

 

ކެރޮލީނާގެ އިތުރުން މި ތޫފާން އަރާނެކަމަށް ބެލެވޭތީ ވާޖީނިއާ އާއި މޭރީލޭންޑުގެ އިތުރުން އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަންގައިވެސް ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. މި ސަރަޙައްދުތަކަށް ތޫފާން އަރާއިރު، ތޫފާނުގެ ބާރު އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ކުރި ވަނީ ލަފާކޮށްފައެވެ. މި ތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު 28 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

އެމެރިކާއަށް ބާރުގަދަ ތޫފާނެއް އަރަމުން މިދަނީ، މީގެ ދެހަފްތާއެއްހައި ދުވަސް ކުރިންވެސް އެޤައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ. "ގޯޑޮން"ގެ ނަމުން ނަންދެވުނު އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި، އަލަބާމާ އާއި މިސިސިޕީ ގުޅުނު ބޯޑަރު ސަރަޙައްދަށް ބޯކޮށް ވާރޭވެހިި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، އުމުރުން ދެ އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    މިޠޫފާނަކީ އަނިޔާވެރިންނަށް ހުރި ޢިބްރަތްތެރި ޢުޤޫބާތެއްކަމުގައި ލައްވާނދޭވެ!