ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވަމުން ދިޔަ ބަޔަކު މަރާލައިފިއެވެ.

އިސްރާއީލް ސިފައިން ގަތުލުކޮށްފައި ވަނީ ޣައްޒާގެ މެދުތެރޭގެ ޑެއިރް އެލް ބާލާހުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ކާބޯތަކެތި ބެހުމުގައި އުޅުނު ހަތް މީހެކެވެ. އޭގެތެރޭގައި އޮސްޓްރޭލިއާ، ޕޮލެންޑް، އިނގިރޭސިވިލާތް އަދި ފަލަސްތީނުގެ އެހީތެރިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަން އިން ބުނީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ގިނަ މުވައްޒަފުން މަރުވެފައިވާ ކަމަށާއި ޣައްޒާގައި ހިންގަމުންދާ މި ލާއިންސާނީ އަމަލު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ. އަދި މިހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިޔާއިންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. ޣައްޒާގައި އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށް މަރުވި އޮސްޓްރޭލިއާގެ އެހީތެރިޔާ ޒޯމީ ފްރެންކްކޮމް މަރުވި މައްސަލައިގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވަނީ "ފުރިހަމަ ޖަވާބުދާރީވުމަށް" ޑިމާންޑް ކުރައްވައިފައެވެ. ފްރެންކްކޮމް އަކީ ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި އެމީހުންގެ ފަލަސްތީނުގެ ޑްރައިވަރާއެކު ހޯމަ ދުވަހު ޣައްޒާގެ މެދުތެރޭގެ ޑެއިރް އެލް ބާލާހުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަރުވި ހަތަރު ބައިނަލްއަގްވާމީ އެހީތެރިންގެ ތެރެއިން އެކަކެވެ.

ޣައްޒާގެ އަލްޝިފާ ހޮސޕްިޓަލް ދެހަފްތާވަންދެން އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެތަން ދޫކޮށްލިއިރު މުޅި ހޮސްޕިޓަލަ "ފަނާ"ކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 32،845 މީހުން ޝަހީދުކޮށްލި އިރު، 75،392 މީހުން ޒަޚަމްކޮށްލާފައިވެއެވެ.