ދުނިޔެ ހޫނުވެ ދުނިޔޭގައިވާ ގަނޑުފެންތައް ވިރެމުންދާ މިންވަރު ބަލައިލެވޭނެ ސެޓެލައިޓެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ޖައްވަށް ފޮނުވާލައިފިއެވެ.

އައިސްސެޓް 2 ގެ ނަންދީފައިވާ މި ސެޓެލައިޓުން ދުނިޔޭގެ ގަނޑުފެން ވިރެމުންދާ މިންވަރު ދެނެގަންނާނެއެވެ. ނާސާއިން ސިފަކުރާ ގޮތުގައި މިއީ އޯބިޓަށް ފޮނުވާލެވޭ އެންމެ ޒަމާނީ ސްޕޭސް ލޭޒަރ އެވެ.

މި ސެޓެލައިޓް އުދުއްސާލާފައި ވަނީ ކުރިން ހަމަޖެހުނު ތާރީޚަށް ވުރެ އެއް ދުވަސް ލަސްކޮށެވެ. އެއީ އެންމެ ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ނާސާއިން ވަނީ އިރާ އެންމެ ކައިރި އަށް ދިއުމަށް ޖައްވީ އުޅަނދެއް ވެސް ފޮނުވާލާފައެވެ.

ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. މި ސެޓެލައިޓުގެ ސަބަބުން ދުނިޔޭ ގައި އޮތް ގަނޑުފެނުގެ ބައްރު ވިރެމުންދާ މިންވަރު ދެނެގަނެވި އޭގެއިން ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަނެވޭނެއެވެ.

މިހާރުގެ ޖައްވުގައި ދައުރުވަމުންދާ ސެޓްލައިޓުތަކުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެންޓާކްޓިކާއިން އަހަރެއްގެ މައްޗަށް 200 ބިލިއަން ޓަނުގެ އައިސް ވިރި، ކަނޑަށް ދަނީ އެޅެމުންނެވެ.

މިއާއިއެކު ކަނޑުގެ ލޮނުގަނޑު، އަހަރަކު 0.6 މިލިމީޓަރަށް އުފުލޭކަމަށް ނޭޗާ ޖާނަލްގައި ސައިންސްވެރިން އާންމުކުރި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މިއީ އެންމެ ފަހުން މިފަދަ ދިރާސާއެއް ކުރި 2012 ވަނަ އަހަރާއި އަޅާ ބަލާއިރު، 3 ގުނަ އިތުރު އަދަދެކެވެ. މިހާރުވެސް އެވަރެޖުކޮށް ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އަންނަނީ އަހަރަކު ގާތްގަނޑަކަށް 3 މިލިމީޓަރު އުފުލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު