ނުރައްކާތެރި ކެންސަރު ބައްޔާއި ހަނގުރާމަކުރަމުންދާ އުމުރުން 13 އަހަރުގެ ކުއްޖަކު، ރޭޕްކޮށްލުމުން އޭނާ މާބަނޑުވެ ސިއްޙީ ހާލަތު ގޯސްވެގެން ފަރުވާދޭން ފަށައިފިއެވެ.

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އެ އަންހެން ކުއްޖާ ރޭޕްކޮށްލާފައިވަނީ މީގެ ދުވަސްތަކެއް ކުރީން އޭނާ ތަޢުލީމު ހާސިލްކުރަމުންދިޔަ ސްކޫލުގެ ތެރޭގައި، އެކުގައި ކިޔަވަމުންދިޔަ ދަރިވަރެއް ކަމަށް ވެއެވެ. އެހެން ނަމަވެސް އޭނާ އެކަން ސިއްރުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ވަނީ އުޅެފައެވެ.

މި އަންހެން ކުއްޖާ މާބަނޑުކަން އެނގިފައިވަނީ، އޭނާގެ ސިއްޙީ ހާލަތު ދަށްވާން ފެށުމުން މި މަހުގެ ފަސްވަނަ ދުވަހު ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކަށްފަހުއެވެ. އެއާއި އެކު، ކަން ހިނަގއިދިޔަ ގޮތް އޭނާ އާއިލާ އާއި ޙިއްސާކޮށްފައިވާއިރު، އާއިލާއިން ވަނީ އެކަން ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައެވެ.

އުމުރުން އެންމެ 13 އަހަރުގައި ރޭޕްގެ ޝިކާރައަކަށްވީ މި އަންހެންކުއްޖާ އަކީ، 2010 ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ކުއްޖެކެވެ. އޭނާއށް ބަލިން އަރައިނުގަނެވެނީސް މާބަނޑުވުމުން، ބަލި އިތުރަށް ބޮޑުވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޑޮކްޓަރުން ބުނެފައިވަނީ، އެ އަންހެން ކުއްޖާ މާބަނޑުވިތާ 24 ހަފްތާ ވެފައިވާކަމަށެވެ. އަދި އާއިލާއިން ކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން އެދުނު ނަމަވެސް، މި ސްޓޭޖުގައި ދަރި ވައްޓާލައިފިނަމަ އެކަމުން އިތުރު ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށްޓަކައި ޑޮކްޓަރުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

މި ހާދިސާގެ ތަހުޤީޤެއް މިހާރު މުމްބާއީގެ ފުލުހުންނާއި ކަމާއި ބެހޭ އެނޫންވެސް އިދާރާތައް ގުޅިގެން ކުރިއަށްގެންދާއިރު، މި މައްސަލަ ބަލާ ބޮމްބޭ ހައިކޯޓުން ވަނީ އެ ކުއްޖާގެ މެޑިކަލް އެގްޒަމިނޭޝަން ރިޕޯޓެއް ތައްޔާރުކޮށް، ކޯޓަށް ހުށަހެޅުމަށް އޭނާއަށް ފަރުވާދެމުންދާ ހޮސްޕިޓަލަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    ސުބުހާނަﷲ

  2. ނޯ ރޭޕް

    އަްލު ތިކަހަލަ ކޮންމެ ކޭސް އަކީ ރޭޕް ކޭސް އެއްނޫން....ބއެއްފަހަރު ފަޅާ އެރީމަ ސަލާމަތް ވާންވެގެން ރޭޕް ކަމަށް ހަދަނީ....