ފަލސްތީނުގެ ގުދުސްގައި މީހުން ދިރިއުޅެމުންދާ އަވަށެއްގެ ރައްޔިތުން ގަދަބާރުން ގެދޮރުންނެރެ އިސްރާއީލުން އެ އަވަށް އެއްކޮށް ތަޅައި ސުންނާފަތި ކުރަން ފަށައިފިއެވެ.

އިސްރާއީލުން ތަޅައި ސުންނާފަތި ކުރަމުންދަނީ އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ އަލްޚާން އަލްއަހްމަރު ކިޔާ އަވަށެކެވެ. މި އަވަށް ހުސްކުރަން އިސްރާއީލުން މީގެ ކުރިން ވަނީ އެއް ހަފްތާގެ ނޯޓިސް ދީފައެވެ.

އިސްރާއީލުން ދިން މި މުއްދަތު މި މަހު 12 ވަނަ ދުވަހު ހަމަވެފައި ވާއިރު، އިސްރާއީލުން ހިންގަމުންގެންދާ މި ޖަރީމާ ވަގުތުން ހުއްޓުވުމަށް، އަރަބި ލީގުން ވަނީ ގޮވާލާފައެވެ. އިސްރާއީލުން ސުންނާފަތި ކުރަމުންދާ އަވަށަކީ ފަލަސްތީނުގެ 1400 މީހުން ދިރިއުޅޭ އަވަށެކެވެ.

އިސްރާއީލުން 2016 ވަނަ އަހަރުވެސް ވަނީ ފަލަސްތީނުގެ ގެތަކެއް ތަޅައި ބިމާހަމަކޮށްލާފައެވެ.

އިސްރާއީލުން މިހާރުވަނީ އެ އަވަށުގައި ހުރި 200 ގެއާއި، ސްކޫލަކާއި، މިސްކިތެއްވެސް ތަޅާލުމުގެ މަސައްކަތް ފަށާފައެވެ.ފަލަސްތީނުން ބުނެފައިވަނީ މި އަވަށުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށް އަވަށް ރޫޅާލައިފިނަމަ އިސްރާއީލުގެ މައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަަށެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކަށް މައްސަކަތް ކުރާ ޖަމިއްޔާއެެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ވަނީ، މިފަދަ އަމަލެއް ނުހިންގުމަށް އިސްރާއީލުގެ ވެރިންނަށް އިންޒާރު ވެސް ދީފައެވެ. އެ ޖަމާއަތުން ބުނެފައިވަނީ، ރައްޔިތުންތަކެއް ގަދަކަމުން ގެދޮރުންނެރެ މަގުމަތިކޮށްލުމާއި، ގެދޮރު ތަޅާލުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

ފަލަސްތީނުގެ އަވަތަށް ސުންނާފަތި ކުރަން އިސްރާއީލުން މައްސަކަތް ކުރާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާ ބިންތަކުގައި އިސްރާއިލުން، އިސްރާއިލުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.، އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތިކަންކަން ތިކުރަނީ އީޔޫ އާއި އެމެރިކާގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި އެހީ ލިބިގެންކަން މިއަދު ކުޑަކުއްޖަކަށްވެސް އެނގޭނެ.