މިއަދަކީ ދުނިޔޭގައި ފާހަގަ ކުރާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން ގެންދާއިރު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިދުވަސް މިދަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. މިދުވަސް ހާއްސަވަނީ އަންހެނުން ކޮށްދޭ ކަންކަމުގެ އަގުވަޒަންކޮށް އެބައިމީހުންނަށް ޝުކުރުވެރިވުމަށެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ މިދުވަސް ފާހަގަކުރުމުގެ މަގުސަދުތަކުގެ ތެރެއިން މަގުސަދެކެވެ. ނަމަވެސް ހިތާމަޔާއި އެކު ބުނެލަން އޮތީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިހާރުވެސް އެތަކެއް ސަތޭކަ އަންހެނުންނެއް ބިކަވެ ހާލުގައި ޖެހިފައިވާ ވާހަކައެވެ.

އާދެ، އެއީ ސީރިއާ އާއި ޕަލަސްތީނާއި މިޔަންމާއާއި އަދި އެނޫންވެސް ބައެއް މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތަކުގައި ދިރިއުޅޭ އަންހެނުންނެވެ. އެއީވެސް ހަމަ އަޅުގަނޑުމެން ފަދައިން އިންސާނުންނެވެ. މިއަދު ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު މިދުވަސް އެ އަންހެނުންނަށްވެސް ރައްދުވެއެވެ.. އެ ގައުމުތަކުގައި ދިރިއުޅޭ ގިނަ މުސްލިމު އަންހެނުން މިދުވަސް ފާހަގަ ކުރީ ކުލަގަދަ ހަފްލާއަކުން ނޫނެވެ. މަތިން ވޭހޭ ވާރޭ ފަދަ ބޮންތަކުންނެވެ. އަނިޔާއާއި ވޭނުންނެވެ. އެފަދަ އަންހެނުންގެ އިހްސާސްތަށް ނިކަން ތަސައްވަރުކޮށްލަބަލާށެވެ.

އެފަދަ އަންހެނުން ، ހާއެްސަކޮށް ސީރިއާގައި ދިރިއުޅޭ މުސްލިމު އަންހެނުންނާއި ކުޑަކުދިންގެ ހާލަތާއި މެދު ނިކަން ވިސްނާލަބަލާށެވެ. ނިދިން ހޭލެވެނީ ބޮމުގެ އަޑަށެވެ. މުޅި ދުވަސް ހޭދަވަނީ ދުޝްމަނުންގެ ހަމަލާއިން ރެކުމަށެވެ. ގެދޮރު އެވަނީ ސުންނާފަތިވެފައެވެ. އެތަކެއް އަންހެނުން އެވަނީ ރޭޕްކޮށް މަރާލެވިފައެވެ. ކުޑަކުދިން އެވަނީ އަނިޔާވެރިކަމާއި އެކު މަރާލެވިފައެވެ. އިހްސާސްވޭތޯއެވެ؟ އެއީ ވަލުޖަނަވާރެއް ނޫނެވެ. ނޫނީ ކުޅޭ ކުޅޭ "ޓޯއީ" އެއް ނޫނެވެ. ހަމަ އިންސާނުންނެވެ.

މިއަދު އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު އެފަދަ ގައުމުތަކުގައި އަނިޔާ ތަހައްމަލް ކުރަމުން ގެންދާ އަންހެނުންނަށް އެހީތެރިކަމުގެ އަތެއް ފޮރުކޮށްދިނުމަށް ގޮވާލުން މާ އައުލާކަން ބޮޑެވެ. މިއަދު މަޖާކޮށް މީރު އެއްޗެހި ކައި އުޅޭ އިރު އެފަދަ އަންހެނުން ތިބީ ހުސް ބަނޑާކަން ހަދާން ކުރާށެވެ. ކަރު ހިއްކައިގަނެގެން ގޮސް ކަރުން ލޭ އަންނަވަރުވާ އިރުވެސް ފެންފޮދެއް ނުލިބި ތިބި ކިތަށް އަންެހެނުންނެއް އެގައުމުތަކުގައި އުޅޭނެ ހެއްޔެވެ؟ އަދި ބަނޑުގައިވާ ދަރިއަށް ކާނާއެއް ނުދެވި އުޅޭ ކިތަށް މައިން އެގައުމުތަކުގައި އުޅޭނެތޯއެވެ؟ ހަމަޔަޤީނުންވެސް އެއީ ގިނަ އަދަދެދެވެ. 100 ކައިން ގުނާލެވޭނެއެވެ.

ކަން މިހެން ހުރުމުން މިއަދު ހެވިފައި އަންހެނުންގެ ދުވަސް ފާހަގަ ކުރަމުން ގެންދާއިރު އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އެންމެން ތެދުވަން އެބަޖެހެއެވެ. އެއްވެސް އަންހެނަކީ ނިކަމެއްޗެއް ނޫނެވެ. އަދި އެއްވެސް އަންހެނަކަށް ހައްގަކާ ނުލާ އަނިޔާވެރިވުމެއް ނެތެވެ. މިއީ އެއްބަޔެކެވެ. އެއް އުންމަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ކަރުނަ އަޅާ އަޑު އަހަން ނުތިބެ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމާތޯއެވެ.

 

ކިޔުންތެރިންގެ ހިޔާލު