އިންޑިއާގައި ސައިކަލެއް ހުއްޓުވަން ފުލުހަކު އެ ސައިކަލުގައި ފައިން ޖެހުމުން، ސައިކަލު އަރިއަޅާލައި އެކްސިޑެންޓުވެ ސައިކަލުގެ ފަހަތު ސީޓުގައި އިން މާބަނޑު އަންހެނަކު މަރުވެއްޖެއެވެ.

ޓެމިލް ނާޑޫގެ ތުވަކުޑީގައި މި ހާދިސާ ހިނގައި ދިޔައީ ސައިކަލު ދުއްވަން ހުރި ޑްރައިވަރު ޓްރެފިކް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެ ސަރަހައްދުން ފިލަން އުޅުމުގެ ތެރޭގައެވެ. ސައިކަލުގެ ޑްރައިވަރަކަށް ހުރީ މަރުވި އަންހެން މީހާގެ ފިރިމީހާއެވެ.

ފުލުހުން އެ ސައިކަލު ހުއްޓުވަން މަސައްކަތް ކުރީ ޑްރައިވަރު ހެލްމެޓު ނާޅާ ދުއްވާތަން ފެނުމުންނެވެ. އަދި އޭނާއަށް ވަގުތުން ސައިކަލު ހުއްޓާލަން އެންގުމުން ފުލުހުންނަށް ފިލަން ބާރަށް ދުއްވާލީއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ މީހާ ފިލަން އުޅުމުން ފުލުހުންގެ އޮފިސަރަކު ވަނީ އެހެން ސައިކަލަކަށް އަރައިގެން ފަހަތުން ގޮސް އޭނާއާ އަރާ ހަމަކޮށްފައެވެ. އަދި އެ ސައިކަލު ހުއްޓުވަން އޭނާ ސައިކަލުގައި ފައިން ޖެހިއެވެ. އެއާއެކު ސައިކަލު ފުރޮޅާލައި ފަހަތުގައި އިން މާބަނޑު އަންހެން މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންވެސް އެ އަންހެން މީހާ ވަނީ މަރުވެފައެވެ. އަދި އޭނާގެ ފިރިމީހާއަށްވެސް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ އެ ފުލުސް މީހާ ހާދިސާ ހިނގައިދިޔަ ސަަރަހައްދުން ފިލި ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަން ފެށުމުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަށަށް ހަމަ.ފެންނަނީ ރާއްޖެ އިންޑިޔާދަށަށް ދާން