ސީރިއާގެ މަތިން 14 މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓު ކުރިން ގެއްލުނު ކަމަށް ބެލެވުނު ނަމަވެސް އެ ބޯޓު ވަނީ ގަސްތުގައި ވައްޓާލާފައި ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ބުނީ ސީރިއާގެ އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމުން ވައްޓާލި އެ އަސްކަރީ ބޯޓު ވައްޓާލުމުގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށެވެ. ސީރިއާގެ އެއާޕޯޓަށް ޖައްސަން އައި އެ މަތިންދާބޯޓު ވައްޓާލާފައިވަނީ ބިމަށް ތިރިކުރަން އުޅެނިކޮށެވެ.

ރަޝިއާގެ 14 މީހުން މަރުވި މި ހަމަލާއާ ގުޅިގެން ރަޝިއާއިން އަޅާނެ ފިޔަވަޅާކާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މި ހަމަލާގެ ސަބަބުން ރަޝިއާއި އިސްރާއީލުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށް ބެލެވެއެވެ.

މި ބޯޓު ވެއްޓުނު ވަގުތު އިސްރާއީލުން ދިޔައީ ކަނޑު ހުރަސްކޮށް ވެސް ސީރިއާ އަށް މިސައިލްތައް ފޮނުވަމުން ކަމަށް ރިޕޯޓްތަށް ބުނެއެވެ. ނަމަވެސް އިސްރާއީލުން ބުނީ މަތިންދާބޯޓް ވައްޓާލި ހަމަލާގެ ޒިންމާ އެ ގައުމުން ނަގަން ނުޖެހޭނޭ ކަމަށެވެ.

ވައްޓާލާފައިވާ ބޯޓަކީ ސަވައިލަންސް ސިސްޓަމްތަކާއި ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދޭ ސިސްޓަމްތައް ހަރުކޮށްފައި ހުރި ބޯޓެކެވެ.

އިސްރާއީލުން ފާއިތުވި ހަފްތާއެއްހާ ދުވަހު ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެގައުމުން ހަމަލާ ދެނީ ސީރިއާގައި ހުރި އީރާންގެ އަމާޒުތަކަށެވެ.

ބޯޓު ވައްޓާލާފައި ވަނީ ޙަޤީޤަތުގައި ސީރިއާގެ މިސައިލަކުންނެވެ. ނަމަވެސް އެކަމުގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް ރަޝިއާ އިން ބުނަނީ ސީރިއާގެ މިސައިލަކީ އިސްރާއީލްގެ ޖެޓަކަށް އަމާޒުކޮށް ފޮނުވާލި ހަމަލާ އަކަށް ވާތީ އެވެ.

ސީރިއާގެ ރައީސް ބައްޝާރުގެ ވެރިކަން ދިފާޢު ކުރުމުގައި މިހާތަނަށް ވެސް އެންމެ އިސް ދައުރެއް އަދާކުރީ ރަޝިއާ އިންނެވެ. އަދި އިސްރާއީލުން ބޭނުންވަނީ ސިރިއާގެ ސަރުކާރު ވައްޓާލުމަށެވެ. ނަމަވެސް ސިރިއާގެ ވެރިކަން ދިފާއު ކުރުމަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ވެސް ސީރިއާގައި އެބަތިއްބެވެ.