ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހައްޔަރުކޮށްފިއެވެ.

މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ނަޖީބު ރައްޒާގު ހައްޔަރުކޮށްފައިވަނީ 1 މެލޭޝިޔަން ޑިވެލޮޕްމެންޓް ބަރްހާދް (1އެމްޑީބީ) އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ 628 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ނަޖީބުގެ މައްޗަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ދައުވާ ކުރާނެ ކަމަށް ބެލެވޭއިރު އޭނާ މާދަމާ މެންދުރުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ ކަމަށް މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން މީގެކުރިން މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ނަޖީބުއާ ސުވާލުކޮށްފައިވާއިރު މިކަމާ ގުޅިގެން ނަޖީބު މީގެކުރިން ނެރުނު ޑޮކިއުމެންޓުތަކުގައި ބުނެފައިވަނީ އެ ފައިސާ އަކީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް ދިން ހަދިޔާއެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް ނަޖީބު މީގެކުރިން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި ނަޖީބު ރައްޒާގުގެ ކޯލިޝަން ބަލިކުރައްވައި، ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވަނީ ކުރީގެ ބޮޑުވަޒީރު، އުމުރުފުޅުން 92 އަހަރުގެ ޑރ. މަހާތީރު މުހަންމަދުއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން މަހާތީރު ވަނީ، ސަރުކާރުގެ ތަރައްގީގެ ފަންޑުން އެތައް ބިލިއަން އެމެރިކާ ޑޮލަރު ލޫޓުވާލި މައްސަލަތައް އަލުން ތަހްގީގު ކުރައްވަން ފަށްޓަވާފައެވެ. އިންތިޚާބުގެ ކެމްޕެއިންގައި މަހާތީރު ވިދާޅުވަމުން ގެންދެވީ، ތަރައްގީގެ ފަންޑުން ފައިސާތައް ލޫޓުވާލީ ނަޖިބުއާއި، އޭނާގެ ބައިވެރިން ކަމަށެވެ.