އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިންސް ކަމަށްވާ "ޖެޓް އެއާވޭސް"ގެ މަތިންދާ ބޯޓެއްގައި، ޕައިލެޓުން ފަރުވާކުޑަވުމުން ނުރައްކާތެރި ހާދިސާއެއް ހިނގައި ބައެއް ފަސެންޖަރުންނަށް އަނިޔާވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އިންޑިއާގެ ޖައިޕޫރުން މުމްބާއީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ މި ފްލައިޓަށް ނުރައްކާތެރި ހާލަތެއް މެދުވެރިވީ، ދަތުރު ފެށުމަށްފަހު ކެބިން ޕްރެޝަރު ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޕައިލެޓުން "ހަނދާން ނެތުމުން" ނެވެ.

މި ހާދިސާ ހިނގި ވަގުތު އެ ފްލައިޓުގައި 166 ފަސެންޖަރުން ތިބިއިރު، ޕައިލެޓުންނާއި އެކު ފަސް ކްރޫ މެމްބަރުން ތިއްބެވެ. ކެބިން ޕްރެޝަރު ދަށްވެގެން ހިނގި ހާދިސާ އާއި ގުޅިގެން، ތިރީސް މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަސް މީހަކަށް ދަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް އެމީހުންނާއި ބެހޭ މަޢުލޫމާތެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

ޖެޓް އެއާވޭސްގެ ފްލައިޓުގައި ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ފެންނަނީ ކެބިން ޕްރެޝަރު ދަށްވެ ނުރައްކާތެރި ހާލަތެއް މެދުވެރިވުމާއި އެކު ފްލައިޓުގެ ކެބިން ތެރޭގައި ހުރި އޮކްސިޖަން މާސްކުތައް ތިރިކޮށްފައިވާ މަންޒަރެވެ. އަދި ފަސެންޖަރުން އެ މާސްކުތައް އެޅުމަށް އިރުޝާދުދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ބައެއް ފަސެންޖަރުންނަށް ނޭވާލާން އުނދަގޫވުމާއި ކަންފަތަށް ތަދުވުމާއި، ނޭފަތުން ލޭ އައުންފަދަ ހާލަތްތައް ވަނީ މެދުވެރިވެފައެވެ. މި ހާދިސާ އާއި ގުޅިގެން ޖެޓް އެއާއިންސް އިން މަޢާފަށް އެދި މިއަދު ނެރުނު ބަޔާނެއްގައި އެކަމުގެ ޒިންމާ ނަގާކަން ވަނީ ހާމަކޮށްފައެވެ. އަދި ހާދިސާގެ ތަހުޤީޤު ނިމެންދެން ފްލައިޓުގެ ކުރޫން ސަސްޕެންޑު ކޮށްފައިވާއިރު، ހާދިސާގައި އަނިޔާވި މީހުންގެ ހާލު ގާތުން ބަލަމުންދާ ކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ.

މި މައްސަލަ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓު އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މިހާރު ތަހުޤީޤު ކުރަމުންދާއިރު، ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަސް އޮފިޝަލުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ސުރޭޝް ޕްރަބޫ ވަނީ، އެޤައުމުގެ ހުރިހާ އެއާލައިނަކާއި އެއާޕޯޓުތަކެއްގެ އިތުރުން ފްލައިންގް ސްކޫލްތަކާއި ކަމާއި ގުޅުންހުރި އެނޫންވެސް ހުރިހައި އިދާރާއެއްގެ ސަލާމަތީ ކަންކަން ބަލައި ތަހުޤީޤުކޮށް ތިރީސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓުކުރުމަށް އޮފިޝަލުންނަށް އަންގަވާފައެވެ.

ފްލައިޓުގެ ޕައިލެޓުންގެ ފަރުވާކުޑަކަމުން އިންޑިއާގެ ފްލައިޓެއްގައި ނުރައްކާތެރި ހާދިސާއެއް މިއަދު ހިނގިއިރު، މީގެ ދެ ހަފްތާއެއްހައި ދުވަސްކުރިންވެސް ގިނަ ޢަދަދެއްގެ ފަސެންޖަރުންނާއެކު ދަތުރުކުރި އިންޑިއާގެ ފްލައިޓަކަށް ނުރައްކާތެރި ހާދިސާއަކާއި ކުރިމަތިވެފައި ވެއެވެ. އެ ހާދިސާ ހިނގީ، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އިންޑިއަން އެއާލައިންސްގެ ފްލައިޓެއް، ރާއްޖޭގައި އޭރު ހަދައި ނުނިމި އޮތް އަދި ބޭނުން ކުރަންވެސް ނުފަށާ ރަންވޭއެއްގައި "އޮޅިގެން" ޖެއްސުމުގެ ސަބަބުންނެވެ.