އެމެރިކާގެ ނިއުޔޯކުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގެ ތެރޭގައި ވަޅިން ހަމަލާދީ ކުޑަކުދިންތަކެއް ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާގައި ޒަޚަމްވި ކުޑަ ދެ އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖެއްގެ އިތުރުން އެ މަރުކަޒުގައި މަސައްކަތްކުރާ ދެ މުވައްޒަފަކަށް ދަނީ ނިއުޔޯކުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.

މި ހާދިސާގައި އަނިޔާވި ދެ މުވައްޒަފުންނަކީ ދެމަފިރިންނެވެ. މި ހާދިސާގައި އެ ސެންޓަރުގައި އެވަގުތު އިން އެމީހުންގެ ދަރިފުޅުވެސް ޒަޚަމްވި ކުދިންގެ ތެރޭގައި ހިމެނުނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ އެ ސެންޓަރުގައި މަސައްކަތްކުރާ އުމުރުން 52 އަހަރުގެ އަންހެން މުވައްޒަފެކެވެ. އޭނާ ވަނީ ކުދިންނާއި މުވައްޒަފުންނަށް ހަމަލާޒީ ޒަޚަމްކޮށްލުމަށްފަހު އަމިއްލައަށް ގަޔަށް ވަޅި ހަރައިގެން މަރުވާން އުޅެފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަމިއްލައަށް ބަނޑަށް ވަޅި ހަރައިގެން ޒަޚަމްވުމުން އޭނާއަށްވެސް ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާ އާއި ގުޅިގެން ޒަޚަމްވި ކުދިންނާއި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސިއްޙީ އޮފިޝަލުން ހާމަކޮށްފައި ނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި ހާދިސާ ނިއުޔޯކުގެ ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު