އީރާނުގައި ބޭއްވި އަސްކަރީ ހިނގާލުމަކަށް ހަމަލާދީ 25 ސިފައިން މަރާލުމުގެ ފަހަތުގައި ތިބީ އެމެރިކާގެ ބައިވެރިން ކަމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

ރޫހާނީ ވިދާޅުވީ އީރާންގެ އަސްކަރީ ހިނގާލުމަށް ހަމަލާ ދީފައި ވަނީ ސަރަހައްދީ، އެމެރިކާގެ ގޮނޑިކޮއްކޮ އިން ފަހަތުގައި ތިބެގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަކި ގައުމެއްގެ ނަން ރޫހާނީ ފާހަގަ ނުކުރި ނަމަވެސް އޭނާ ތުހުމަތުގެ އިނގިލި ދިއް ކުރައްވަނީ ސައުދީ އަރަބިއްޔާ އަށާއި އިސްރާއީލަށެވެ. ފަހަކަށް އައިސް އީރާނާއި ސައުދީ އަރަބިއްޔާގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. އިސްރާއީލަކީ އަބަދުވެސް އީރާނާއި ގުޅުން ގޯސް ގައުމެކެވެ.

އީރާންގެ އަސްކަރިއްޔާ އިން ބޭއްވި ހިނގާލުމަށް ހަމަލާ ދީފައި ވަނީ ބަޑިންނެވެ. ހަމަލާގައި 25 މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަހަމް ވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަތަރު މީހަކު ވެގެންނެވެ. ސަލާމަތީ ބާރުތަކުން ވަނީ އޭގެ ތެރެއިން ތިން މީހުން މަރާލާފައެވެ. ހަތަރު ވަނަ މީހާ ވަނީ ހައްޔަރު ކޮށްފައެވެ.

ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާޢަތެއް ކަމަށްވާ އަރަބް ޑިމޮކްރަޓިކް މޫވްމަންޓުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި މިއީ ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޖަމާޢަތެކެވެ.

އީރާނުން ކުރަމުން ގެންދާ ތުހުމަތުތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.