ދާދި ފަހުން ކޮރަޕްޝަނުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމް އިއްވުމަށް ފަހު ފަހުން އެ ހުކުމް ސަސްޕެންޑްކޮށް، ޖަލުން މިނިވަން ކުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ލާހޯރުގެ ހައި ކޯޓަށް ހާޒިރުވާން އަމުރު ނެރެފި އެވެ.

ނަވާޒް ޝަރީފުގެ އާއިލާ ޖަލުން މިނިވަންކޮށްފައި ވަނީ، ބޮޑު އާލާސްކަންފުޅެއްގައި އޮންނެވުމަށްފަހު އަނބިކަނބަލުން ކުލްސޫމް ނަވާޒް އަވަހާރަވީތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އަނެއްކާވެސް އަންނަ މަހު 8 ވަނަ ދުވަހު ނަވާޒް ޝަރީފް ހާޒިރުވާން ޗިޓް ފޮނުވާފައި ވާއިރު ނަވާޒު މި ފަހަރު ކޯޓަަށް ހާޒިރުވުމަށް އަންގާފައި ވަނީ ގައުމަށް ޣައްދާރުވުމުގެ މައްސަލައެއްގަ އެވެ. މި މައްސަލާގައި ނަވާޒްގެ ވަކީލް ވިދާޅުވީ އަނބިކަނބަލުން އަވަހަރާވުމާ ގުޅިގެން ގިނަ ބަޔަކު ތައުޒިޔާ ކިޔުމަށް އަންނަމުންދާތީ ކޯޓަށް ހާޒިރުވެވެން ދަތި ކަމަށެވެ.

ނަވާޒްއާއި ދަރިކަނބަލުން ޖަލުން މިނިވަން ކޮށްފައި ވަނީ ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުން އެކަށީގެންވާ މިންވަރަށް އެބޭފުޅުންގެ މައްޗަށް ހެކި ނުލިބުމުންނެވެ.

ނަވާޒްއާއި ދަރިކަނބަލުން ޖަލުން މިނިވަންކުރުމަށްޓަކައި ޖަލު ހުކުމް ސަސްޕެންޑް ކުރުމަށް ޕާކިސްތާނުގެ ހައި ކޯޓުން ނިންމީ، ޖަލު ހުކުމްގެ މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ނަވާޒް ހުށަހަޅުއްވާފައިވާ މަރުހަލާގެ ތެރެއިންއެވެ.

މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ސާބިތުވުމާއި ގުޅިގެންނެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރިއެވެ.