އިންސާނިއްޔަތު ކަމަކީ އިންސާނެއްގެ ސިފައިގައި ލައްވާފައިވާ އެންމެ މުހިންމު އަދި އެންމެ މާތް އެއް ސިފައެވެ. އިންސާނިއްޔަތުގެ ސަބަބުން އަމިއްލަ ނަފްސް ޤުރުބާންކޮށް އަނެކާ ސަލާމަތް ކުރުމުގައި އިސްވެ ޙަރަކާތްތެރިވެއެވެ. އަސްލު ހީރޯއިންނަކީ މިއީއެވެ. އިންޑޮނޭޝިޔާއަށް މިހާރު ކުރަމުންދާ ބިންހެލުންތަކުގައި އެތައް ގެއްލުންތަކެއްވެ، އެތައް ބައެއްގެ ފުރާނަ މިހާރު ގޮސްފައިވާއިރު، ބައެއް ހީރޯންގެ މަސައްކަތާއި ނުލާ މިއަދަދު އެތައް ގުނައެއް އިތުރުވާނެ ކަން ޔަގީނެވެ.

މިގޮތުން އުމުރުން 21 އަހަރުގެ އެންތޯނަސް ގުނަވާންއަކީ މިފަދަ ހީރޯއެކެވެ. އެއަރ ކޮންޓްރޯލާރ އެއްގެ މަޤާމް، އެއަރޕޯޓްއެއްގައި އަދާކުރި މިމީހާ މަރުވެފައިވަނީ ފުރިހަމައަށް އޭނާގެ ޑިއުޓީ އަދާކުރުމުގެ ތެރޭގައެވެ.

އިންޑޮނޭޝިޔާގެ ޑޮންގާލާ ލެގެންސީ ޕްރޮވިންސްއަށް ބިންހެލުން އައި ވަގުތަކީ އެއަރޕޯޓްގައި ޕްލައިޓްއެއް ޓޭކް އޮފް ކުރަން ތައްޔާރުވަމުން ދިޔަ ވަގުތެވެ. ބިންހެލުމުގެ އިޙްސާސް ކުރެވުނީ ފްލައިޓް ޓޭކް އޮފް ކުރަން ނައްޓާލިތަނުންނެވެ. މިހެންވެ، ފްލައިޓްއަށް އިރުޝާދު ދިނުމަށް ޓަވަރުގައި މީހެއް ހުންނަން ޖެހެއެވެ. އެންތޯނަސް ގުނަވާން އެވަގުތު އަމިއްލަ ނަފްސްގެ ބިރު ކަޑުވާލާ، ފްލައިޓްގައި ތިބި ގިނަ އަދަދެއްގެ ޕަސެންޖަރުންގެ ރައްކާތެރިކަމަށް ޓަކައި އިސްވެ، އެއަރ ކޮންޓްރޯލާއި ހަވާލުވިއެވެ. އަދި އެވަގުުތު ޓަވަރުގައި ތިބި އިތުރު މީހުންތައް އެތަނުން ބޭރަށް ފޮނުވިއެވެ. އެމީހުން ސަލާމަތީ ސަރަހައްދަށް ދިޔަ އިރު، އެންތޯނަސް ގުނަވާން ހުރީ ޓަވަރ ތެރޭގައެވެ. ފްލައިޓް ޓޭކް އޮފް ކުރަން ދެން އޭނާގެ ޒިންމާ އަދާ ކުރިއެވެ.

ފްލައިޓް ޓޭކް އޮފް ކުރުމުން އެންތޯނަސް ގުނަވާން ބެލީ އެތަނުން ނިކުމެވޭ ތޯއެވެ. ނަމަވެސް ޓަވަރ އެއަށްވުރެ މާގުޑައެވެ. މިހެން ކަމުން އެންތޯނަސް ގުނަވާން ނިންމީ ޓަވަރުން ފުންމާލާށެވެ. އެންތޯނަސް ގުނަވާން އަށް ޓަވަރު ވެއްޓިދާނެ ކަމުގެ ބިރު އޮތީ ކަމުގައި ވެދާނެއެވެ. ސަބަބަކީ އެވަގުތު ޓަވަރުމަތިން ރަންވޭގައި އަޅާފައިވާ ބޮޑު ރެދު ފެންނާނެއެވެ. އެންތޯނަސް ގުނަވާން ވަނީ ޓަވަރުގެ ހަތަރުވަނަ ފަންގިފިލާއިން ފުންމާލާފައެވެ. ފުންމާލުމާއެކު އޭނާ މަރުވެފައިނުވި ނަމަވެސް ގިނަ ޒަޚަމްތަކަކާއިއެކު ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް އޭނާވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެންތޯނަސް ގުނަވާން މަސައްކަތް ކުރަމުން އަންނަ އެއަރނެވް އިންޑޮނޭޝިޔާއިންވަނީ އޭނާގެ މަސައްކަތް ޤަބޫލު ކުރާ ކަމަށް ބުނެ ޓްވީޓްއެއް ކޮށްފައެވެ.

އިންޑޮނޭޝިޔާއަށް މިހާރު އަންނަމުންދާ ބިންހެލުންތަކާއި އެރި ސުނާމީގެ ސަބަބުން ގިނަ ބަޔަކު ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. އިމާރާތްތަކުގައި ދަށުވެގެންނާއި އިތުރު އެހެންވެސް ސަބަބުތަކުގެ ސަބަބުން ގިނަ ބަޔަކުވަނީ މަރުވެފައެވެ. މިހާރު މަރުވި މީހުންގެ އަދަދު 384 ކަށް އަރާފައިވާއިރު، ގިނަ ބަޔަކު ގެއްލި އެތައް ބަޔަކަށްވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ބިންހެލުމުގައްޔާއި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އީން

    ހާލުގަ ޖެހުނު މީހުންނަށް ރާއްޖެއިން އެހީތެރިވޭތަ؟

  2. ެަައީޝް

    ރާއްޖެ ގެނެސް އެހީތެރިވެދޭނަމަ ދޯ........???????

  3. ބަތޭ

    އުުހުން... ކީކުރަން ރާއްޖެ ގެންނަނީ ރާއްޖެ ނުގެނަޔަސް އެހީތެރިކަން ވާން ބޭނުން ނަމައެހީވެވޭނެ......