އިންޑޮނޭޝިޔާއަށް އަންނަމުންދާ ބިންހެލުންތަކާއި އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޤައުމުގެ ނައިބު ރައީސް ޖޫސުފް ކައްލާ ވިދާޅުވެއްޖެއެވެ.

އެޤައުމުގެ ނައިބު ރައީސް މިހެން ވިދާޅުވެފައިވާއިރު، އެޤައުމަށް އައި ބިންހެލުންތަކަށް ފަހު 150 ވަރަކަށް ކުދި ބިންހެލުމުގެ އަސަރުވަނީކޮށްފައެވެ. އަދި މިހާތަނަށް މި ހާދިސާތަކުގައި މަރުވި ކަމަށް 832 ޔަގީން ކުރެވެއެވެ. އަދި ގިނަ ބަޔަކަށްވަނީ ބޮޑެތި ޒަޚަމްތަކެއްވެސް ލިބިފައެވެ.

ނައިބު ރައީސް ކައްލާ އިތުރަށް ބުނެފައިވަނީ އެޤައުމުގެ ޑޮންގައްލަ ނަމަކަށް ކިޔާ އަވަށުގެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ފަރާތުން އެއްވެސް ކަހަލަ ޚަބަރެއް ލިބިފައިނުވާ ކަމަށާއި ބެލެވޭ ގޮތުގައި މި މީހުންވަނީ ސުނާމީގެ ރާޅާއެކު ކަނޑަށް ގެންގޮސްފައި ކަމަށެވެ.

ކައްލާ ވިދާޅުވީ މިމީހުންގެ ޚަބަރެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް ސުނާމީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކަށް ދިއުމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި މިސަރަހައްދުތަކަށް ދެވުމުން މަރުވި މީހުންގެ ޖުމްލަ އަދަދު އިތުރުވާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޮކޯ ވިޑޯޑޯވަނީ ގެއްލުން ސުނާމީގައި ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައެވެ. އަދި ވަނީ އެޤައުމަށް އެރި ސުނާމީގައި ގެއްލުން ލިބުނު ފަރާތްތަކަށާއި މީހުން ސަލާމަތް ކުރުމުގައި އެހީތެރިވުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލަށްވާފައެވެ. ސުނާމީގެ ސަބަބުން އިންޑޮނޭޝިޔާގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓްގެ ޚިދުމަތް މެދު ކެނޑިފައެވެ. އަދި ކާނާއާއި ސާފު ބޯފެން ލިބުމަށްވެސް އެޤައުމަށްވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ.