އިންޑޮނޭޝިއާ އަށް އައި ބިންހެލުމާއި، އެބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު 832 އަކަށް އަރައިފި ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން އެތައް ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އެރި ސަރަހައްދުގައި ދިރިއުޅުނު އެތައް ބަޔަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާތީ އެމީހުން ވަޅުލުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ފަށާފައެވެ. ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށްޓަކައި އަވަހަށް ގަބުރުތައް ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބިންހެލުމާާއި ސުނާމީގެ ސަބަބުން އެތައް އިމާރާތެއް ވެއްޓިފައި ވާތީ ގިނަ ބަޔަކު ދިރިއުޅެން ޖެހިފައި ވަނި މަގުމަތީގައެވެ. އެމީހުންނަށް ވަގުތީ ހިޔަލެއް ވެސް އަދި ފޯރުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން ފާއިތުވި ތިން ރޭ ގިނަ މީހުން ނިދާފައި ވަނީ މަގުމަތީގައެވެ.

އެހީތެރިކަން ލިބެމުން ނުދާތީ، ބައެއް ސަރަހައްދުތަކުގައި ހުރި ފިހާރަތައް ވެސް ވަނީ ލޫޓްވާލާފައެވެ. އެއީ ހާލުގައި ޖެހިފައި ތިބި މީހުން ބޭނުން ކުރުމަށް ފެނާއި ކާނާ ނެގުމަށެވެ.

އިންޑޮނޭޝިއާ އަށް ހުކުރު ދުވަހު ސުނާމީ އެރީ ސުނާމީ އެއް ނާރާނެ ކަމަށް ކަމާ ބެހޭ އިދާރާ އިން އަންގާފައި ވަނިކޮށެވެ. މިހާރު އެނގިފައިވާ ގޮތުގައި ސުނާމީގެ އިންޒާރު ދޭ ނިޒާމަށް ސުނާމީގެ އިންޒާރު ވަނީ ނުލިބިއެވެ. އެއީ ސިސްޓަމްގެ މައްސަލައަކުން ދިމާވި ކަމެއް ކަމަށް އިންޑޮނޭޝިއާ އިން ބުނެއެވެ.