ޖަޕާންގެ ދެކުނަށް ބާރުގަދަ ތޫފާނެއް އަރައިފިއެވެ.

"ޓްރަމީ" ނަމުން ނަންދީފައިވާ މި ބާރުގަދަ ތޫފާންގައި ޖަޕާނަަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މި ތޫފާން އަރާފައި މިވަނީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ގައުމަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާން އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް އަރާފައި ވަނިކޮށެވެ.

ތޫފާނުގައި ހާލުގައި ޖެހުނު އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު މި ތޫފާނުގައި މިހާތަނަަށް 2 މީހަކު މަރުވެ 120 އަށް ވުރެން ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ. މި ތޫފާނުގައި 216 ކިލޯމީޓަރ ބާރުމިނުގައި ވައިޖެމުންދާއިރު ޖަޕާނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އޮސާކާއަށް މި ތޫފާން ވަނީ މިހާރު އަރާފައެވެ.

މި ތޫފާނުގެ ސަބަބުން 750،000 އަށް ވުރެ ގިނަ ގެއިން ކަރަންޓުގެ ހިދުމަތް ކެނޑިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ތޫފާނުގެ ސަބަބުން އެތައް ފްލައިޓްތަކަކާއި ރޭލް ދަތުރުތައް ކެންސަލްވިއެވެ.

މި ތޫފާނުގައި ޖަޕާނުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަށް ހިންގަމުންދާ ކަމުގެ ރިޕޯޓުތަށް ވެސް ދަނީ ލިބެމުންނެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޖަޕާނަށް އާއްމުކޮށް ޖެހެ އެވެ. އެހެންވެ، އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ދާއިމީ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

ޖަޕާނަަށް ބާރުގަދަ ތޫފާނެއް އަރާފައި މިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެރި ތޫފާން ޖެބީގައި އެތައް ސަރަހައްދެއްގައި ފެން ބޮޑުވެ މަދުވެގެން 7 މީހުން މަރުވެފައި ވަނިކޮށެވެ.