ރެކްޓަރ މިންގަޑުން 7.5 މެގްނިޓިއުޑްގެ ބިންހެލުމާއިއެކު އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި މަރުވި މީހުން ވަޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އިންޑޮނޭޝިޔާގެ އަސްކަރިއްޔާގެ ލޯކަލް އާމީ ކޮމާންޑަރ ޓައިޕޯން އަރިންޓޮގާރ އެޤައުމުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެޤައުމަށް އެރި ސުނާމީގައި މަރުވި މީހުން ވަޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ވަޅު ލުމަށް ހަމަޖެހިފައިވަނީ އެއް ސަރަހައްދެއްގައި ކަމަށެވެ.

"މިހާތަނަށް 545 ހަށިގަނޑު ވަޅުލެވިއްޖެ. މިހަށިގަނޑުތައް ގެނެސްފައިމިވަނީ އެންމެ ހޮސްޕިޓަލްއަކުން ބެލެވޭ ގޮތުގައި މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުވާނެ." ކޮމާންޑަރ ބުނެފައިވެއެވެ.

ކޮމާންޑަރ އިތުރަށް ބުނެފައިވަނީ ކޮންމެ މީހަކުވެސް ވަޅުމުގެ ކުރިން އެއީ ކާކުކަން އެނގޭނެ ގޮތަށް ފޮޓޯއެއް ނަގާ ކަމަށާއި އަދި ޢާއިލާ މީހުން ބޭނުން ވެއްޖެނަމަ އެމީހަކު ވަޅުލި ސަރަހައްދެއް އެނގޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ އިތުރަށް ބުނެފައިވަނީ ސުނާމީގައި މަރުވި މީހުން ވަޅުލުމަށް ޚާއްސަ ސަހަރާއެއް ހަދާފައިވާ ކަމަށާއި މިސަހަރާގައި ޖުމްލަ 1000 މީހުން ވަޅުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި މީގެ އިތުރަށް މީހުން ވަޅުލަން ޖެހިއްޖެނަމަ ސަހަރާގެ ޖާގަ ބޮޑު ކުރެވޭނެ ކަމަށްވެސް ކޮމާންޑަރ ބުންޏެވެ،

އިންޑޮނޭޝިއާ އަށް އައި ބިންހެލުމާއި، އެބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު 832 އަކަށް އަރައިފި ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މިއަދަދު އިތުރުވާނެ ކަމަށް އެޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. އިންޑޮނޭޝިއާ އަށް ހުކުރު ދުވަހު ސުނާމީ އެރީ ސުނާމީ އެއް ނާރާނެ ކަމަށް ކަމާ ބެހޭ އިދާރާ އިން އަންގާފައި ވަނިކޮށެވެ. ބައެއް މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި އިންޒާރު ނުދެވުނީ ބިންހެލުމާއިއެކު، އިންޒާރު ދޭ މެޝިންގެ ކަރަންޓް ކެނޑުމުންނެވެ.