އިންޑޮނޭޝިޔާ އަށް އައި ބިންހެލުންތަކާއެކު، ބައެއް ތަންތަން ސުންނާފަތިވެފައިވާއިރު، ތިން ޖަލަކުން 1200 އެއްހާ ކުށްވެރިން ފިލާފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

7.5 މެގްނެޓިއުޑްގައި އައި ބިންހެލުމާއެކު އެ ޑިޓެންޝަން ސެންޓަރުތަކުގެ ފާރުތައް ވެއްޓި އެތައް ކުށްވެރިންނެއް ފިލިއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގެ އޮފިޝަލުން ބުނީ، އެ ބިންހެލުން އައިސް އެތަނުގެ ފާރުތައް ވައްޓާލި ނަމަވެސް، ކުށްވެރިން ތިބީ އެތެރޭގައި ކަަމަށާއި، ނަމަވެސް އެތާ ތެރެއަށް ފެން ވަންނަން ފެށުމާއެކު މީހުން ބޭރުވާން ފެށި ކަމަށެވެ. އަދި އެ ޖަލު ތެރެއަށް ވަން ފެނަކީ ސުނީމީ އެރުމާއި ގުޅިގެން ވަން ފެން ނޫންކަމަށް އޭނާ ފާހަގަކުރިއެވެ.

އެ އޮފިޝަލް ބުނީ، އެ ކުށްވެރިން އެތަނުން ނުކުތް ކަމަށް ވަނީ، ބިރުން ކަމަށެވެ. ބައެއް ޖަލުތައް ފަޅާލާ މީހުންތައް ފިލިއިރު، ޑޮންގހަލާ ޖަލުން މީހުންތައް ފިލާފައި ވަނީ އެ ތަނުގައި އަލިފާން ރޯކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން އެތަނުގައި އަލިފާން ރޯކޮށްފައި ވަނީ، އާއިލާ ދެކިލަން ބޭނުންވާކަމަށް ޑިމާންޑްކޮށެވެ. އެ މީހުންނަށް ވަނީ ބިންހެލުމުގައި ޑޮންގހަލާއަށްވެސް ގެއްލުންތަކެއްވިކަން އެނގިފައެވެ.

އަދި އެ މީހުންނަށް އާއިލާ ބައްދަލުކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނިކޮށް، އެ މީހުން ކެތްނުވެގެން ޖަލު ގޮޅި ހަލާކުކޮށްލީއެވެ. އެކަމުގައި ބައިވެރިވި ބައެއް މީހުން އެހެން ޖަލުތަކަށް ވަނީ ބަދަލުވެސްކޮށްފައެވެ.

ތިން ޖަލަކުން މީހުން ފިލިއިރު، ބައެއް ޖަލުތަކުގައިވެސް އަދިވެސް މީހުން އެބަތިއްބެވެ.