އިންޑޮނީޝިޔާ އަށް މިދިޔަ ހުކުރު ދުވަހު އައި ބިންހެލުންތަކާއި ގުޅިގެން އެރި ސުނާމީގައި ގެއްލުނު ދެ މަފިރިއެއް އަލުން ބައްދަލުވި ގޮތުގެ ދައްކާލަން އެބަ ޖެހެއެވެ. އަޒްވާނީ ނަމަކަށް ކިޔާ ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ އަނބިމީހާ ހޯދުމަށް ވަރަށް ތަންތަން ބެލިއެވެ. ހޮސްޕިޓަލްތައްވެސް ބެލިއެވެ.

އިންޑޮނޭޝިއާގެ ޕާލޫއަށް އެރި ސުނާމީގައި އަޒްވާންގެ އަނބީހާ ޑެވީ ގެއްލުނުފަހުން އަޒްވާންގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. އަނބިމީހާއަށް ވީ ގޮތަކާއި މެދު ދިޔައީ ވިސްނެމުންނެވެ.

ޑެވީ ގެއްލުނީ ބީޗް ސައިޑް ހޮޓެލްގައި ފެސްޓިވަލްއަކަށް ގެސްޓުން ރެޖިސްޓަރ ކުރަމުން ދަނިކޮށެވެ. އެތާ ހުއްޓާ ކުއްލިއަކަށް އޭނާއެކު ރާޅުގަނޑު އަރައިގަތީއެވެ.

"ބޮޑު ރާޅެއް އައިސް އަހަރެންގެ ގައިގާ ވަރަށް ބާރަށް ޖެހީ. އަހަރެން ވެއްޓުނު ވަގުތުން އަހަންނަށް އަޑު އިވޭ ސުނާމީ އޭ ސުނާމީއޭ ބަޔަކު ކިޔާ އަޑު. އެ ރާޅާއެކު އަހަރެން ގޮސް ޖެހުނީ މަގެއްގެ މެދުގައި" ޑެވީ ބުންޏެވެ.

ޑެވީ ބުނިގޮތުގައި، އޭނާ ލައިގެން ހުރި ހެދުންވެސް އޮތީ ވީދިފައެވެ. އަދި މަގުމަތީގައި ހުރި ތަނެއްގައި އޭނާ މަޑުކުރިއެވެ. އެތާ އެއްރޭ އޭނާ މަޑުކުރިއިރު، އެއްވެސް ވަރަކަށް ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބުނެވެ.

"އަހަރެމެން ކައިރީ ބުނީ، އެތަނުގައި މަޑުކުރަން. އާފްޓާ ޝޮކްތައް އަންނާތީ"

އޭގެ އަނެއްކޮޅުން އަޒްވާން ހުރީ ހިތް ފަޅައިގެންދާވަރު ވެފައެވެ. އަނބިމީހާ ނުފެނިގެން ލައްކަ ހޯދިއެވެ. އެއިރު އޭނާގެ ދަރިފުޅުވެސް ކައިރީގައި ހުއްޓެވެ. އަނބިމީހާއަށް ވީގޮތް ނޭނގިގެން ކަންބޮޑުވެފައިވާ ވަރުން ހިތައް އެތައް އުނދަގޫތަކެއްވި ކަަމަށް އޭނާ ބުންޏެވެ.

އެރޭ އަޒްވާން އޭނާގެ އަނބިމީހާ ފެނޭތޯ މެޑިކަލް ސެންޓަރުތަކަށް ގެނެސްފައި ތިބި މީހުންގެ ތެރޭގައި އޭނާގެ އަނބިމީހާގެ ހަށިގަނޑު ވޭތޯ ބަލަން ދިޔައެވެ. އެތަނުގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ތިބިތަން އޭނާއަށް ފެނުނެވެ. ނަމަވެސް އަނބިމީހާގެ ހަށިގަނޑެއް އެތަނުގައި ނެތެވެ.

އެކަމާއި ވަރަށް ބޮޑަށް ހާސްވެގެން އުޅެނިކޮށް، މިދިޔަ އާދީއްތަ ދުވަހު ޑޭވް ގެއަށް އައެވެ. ސައިކަލެއްގައި ޑޭވް އައިތަން ފެނުމުން އެތައް ބައެއްގެ މޫނުމަތިން އުފާވެރި ކަމުގެ ކަރުނަ އައެވެ. އެންމެން އޭނާގެ ގައިގާ ބައްދަބައްދާ އުޅުނެވެ. އަޒްވާންވެސް ހުރީ ވަރަަށް ބޮޑަށް އުފާވެފައެވެ.

"އަހަރެން ދުނިޔޭގައި ހުރިކަން އަހަންނަށް ގަބޫލެއްވެސް ނުވޭ". ޑޭވް ބުންޏެވެ.

އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 1200 އަށްވުރެ ގިނަވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.