އިނގިރޭސިވިލާތަށް ބާރުގަދަ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.
މެދު ތެރޭ އެޓްލާންޓިކް ކަނޑުގައި އުފެދިފައިވާ "ލެސްލީ" ގެ ނަމުން ނަންދީފައިވާ މި ތޫފާން މިހާރު ބާރުގަދަ ކޮޅިގަނޑަށް ބަދަލުވެފައިވާއިރު ކުރިއަށް އޮތް ދުވަސް ތަކުގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެ އިގިރޭސިވިލާތަށް އަރާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.
މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ކުރިން މިހާރުވެސް މި ކޮޅިގަނޑުގެ ސަބަބުން ބޮޑެތި ރާޅުތަކެއް ވަނީ ބަހާމާސް އަދި ބާމިއުޑާ ހިމެނޭ ޖަޒީރާ ރަށްތައް ކައިރީ އުފެދިފައެވެ.
އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާގޮތުގައި "ތޫފާން ލެސްލީ" ސަބަބުން ތޫފާނު އަރާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ސަރަހައްދުތައް ކަމަށްވާ އުތުރު އަޔަލޭންޑާއި ސްކޮޓްލޭންޑުގެ ހުޅަނގުގެ ސަރަހައްދަށް އާދަޔާއި ހިލާފަށް ބޯކޮށް ވާރޭވެހި ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަމަށް އެފަރާތުން ބުނެއެވެ.
ބައެއް ރިޕޯޓުތަށް ބުނެފައިވާގޮތުގައި މި ތޫފާން އިގިރޭސީވިލާތަށް އަރާފާނެ ކަމަށް ބަލައި އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ރައްޔިތުން ސަމާލުވުމަށް އަންގަމުންނެވެ.
އެޓްލާންޓިކް ކަނޑު ހިމެނޭ ސަރަހައްދަނީ ކޮންމެ އަހަރެއްގެ ނިންމޭ ހިސާބުގައި ބާރުގަދަ ތޫފާން އުފެދޭ ސަރަހައްދެކެވެ.
މި ދިޔަ މަހުގެ މެދުތެރޭގައިވެސް އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ.
"ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވިފައިވާއިރު އިގިރޭސި ވިލާތަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، މިދިޔަ އަހަރު ތެރޭގައިވެސް އެގައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ. އެ ތޫފާނުގެ ސަބަބުން އިގިރޭސިވިލާތުގެ ބައެއް ސަރަހައްދު ތަކުގައި ވަނީ ފެންބޮޑުވެ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.
ޖަމީލް، އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާ.