އިންޑޮނީޝިއާގެ ޕާލޫ އައިލެންޑަށް އައި ބިންހެލުމާ އެކު އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 1،234 އަށް އަރާފައިވާ ކަމަށް އެޤައުމުގެ ކަމާބެހޭ އިދާތަކުން ހާމަކޮށްފިއެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިން ހާމަކޮށްފައިވާ ގޮތުގައި ސުނާމީއާއި ބިންހެލުމުގައި މަރުވި މީހުންގެ އަަދަދު މިހާރު 1،234 ކަށް އަރާފައިވާ ކަމަށާއި އަދި މިއަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވެއްޓިފައިވާ އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް ކުރިޔަށްދާތީ އިމާރާތްތަކުގެ ދަށުވެ މަރުވެފައި ތިބި މީހުން ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިން ބުނެއެވެ.

ބިންހެމާއި ސުނާމީގެ ސަބަބުން އިންޑޮނޭޝިޔާގެ ޕާލޫ ގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ލިބުމުގައި ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ. އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ސުނާމީއަށްފަހު ރަށުތެރޭގައި ލޫޓްވުންވަނީ އާއްމުވެފައެވެ. މިއީ ކާބޯތަކެތި ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ވާކަމެއް ކަމަށްވެސް އެޤައުމުގެ ނޫސްތަކުން ހާމަކުރެއެވެ. މިގޮތުން ފިހާރަތަކުގައި ހުރި މުދާތައްވެސް ލޫޓްވަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.